މަޖިލީހުގެ ނައިބުރައީސް ނާޒިމް ޕާކިސްތާނަށް ފުރާވަޑައިގަންނަވައިފި

އަވަސް

3 ފެބްރުއަރީ 2026 | އަންގާރަ | 2:20

ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ޕާކިސްތާނަށް ފުރާވަޑައިގަންނަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ މި ދަތުރުފުޅަކީ 7 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަން (ސީޕީއޭ) ގެ އޭޝިއާ ރީޖަނަލް ކޮންފަރެންސް އަދި 2 ވަނަ ސީޕީއޭ އޭޝިއާއާއި ސައުތު އީސްޓް އޭޝިއާ ރީޖަނަލް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި، މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރީޖަނަލް އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި، ސީޕީއޭ އޭޝިއާ ސަރަޙައްދުގެ ރިޔާސަތު 68 އިން ފެށިގެން 71 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ ކޮންފަރެންސާ ހަމައަށް ރައްޔިތުންގެ މަޖިލީހާ ރަސްމީކޮށް ހަވާލުކުރެވޭނެ އެވެ. ޕާކިސްތާނުގެ ސިންދު ޕްރޮވިންޝަލް އެސެމްބްލީން އިންތިޒާމުކޮށްގެން ބާއްވާ މި ކޮންފަރެންސްގެ މި އަހަރުގެ ޝިއާރަކީ، "މުސްތަޤްބަލުގެ ޕާލިމެންޓުތައް: އިތުބާރާއި، ޝާމިލުވުމާއި، އައު އީޖާދުތަކާއި ސުލްހައިގެ ތެރެއިން ޑިމޮކްރަސީ އަލުން ބައްޓަންކުރުން" މިއެވެ. މިއަދުން ފެށިގެން މިމަހުގެ 7 ވަނަ ދުވަހަށް ކުރައްވާ މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ އަރިހުގައި، ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ރިޔާޒް އަދި މަޖިލީހުގެ އިދާރާގެ ސީނިއާ ފޮރިން ރިލޭޝަންސް އޮފިސަރު ޢާއިޝަތު އީމާން ބައިވެރިވެވަޑައިގަންނަވަ އެވެ.

މައުޟޫޢުތަށް