2.4 ބިލިއަންގެ ބޮންޑުން ފަންޑަށް ގެއްލުމެއް ނުވާނެ: ޕެންޝަން އޮފީސް
އަވަސް
3 ފެބްރުއަރީ 2026 | އަންގާރަ | 7:45
ސަރުކާރުން ހުށަހެޅި 2.4 ބިލިއަން ރުފިޔާގެ ޓްރެޒަރީ ބޮންޑުގައި އިންވެސްޓްކުރަނީ އެއްވެސް ގެއްލުން ނުވާނެ ގޮތަށް ކަމަށް ޕެންޝަން އޮފީހުން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީން ޕެންޝަން އޮފީހަށް ހުށަހެޅި 2.4 ބިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮޕޯޒަލާ ގުޅޭ ގޮތުން ޕެންޝަން އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވަނީ ޑުއަލް ކަރަންސީ ނުވަތަ ދިވެހި ރުފިޔާ އާއި އެމެރިކާ ޑޮލަރުން ރިޓާން ލިބޭ 2.4 ބިލިއަން ރުފިޔާގެ ޓްރެޒަރީ ބޮންޑެއްގައި އިންވެސްޓް ކުރުމަށް ކަމަށެވެ. ޕެންޝަން ފަންޑުގެ ލިކުއިޑިޓީއަށް ރިއާޔަތްކޮށް މި އިންވެސްޓްމަންޓަށް ފައިސާ ހޯދުމަށް ހުށަހެޅީ މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމުން މިހާތަނަށް އިންވެސްޓްކޮށްފައިވާ ޓްރެޒަރީ ބޮންޑުތަކުގެ ތެރެއިން 2.4 ބިލިއަން ރުފިޔާގެ ބޮންޑު ސެކަންޑަރީ މާކެޓުގައި ވިއްކާލުމަށްފަހު ލިބޭ ފައިސާއިން ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ. ޑުއަލް ކަރަންސީ އިން ރިޓާން ލިބޭ 2.4 ބިލިއަން ރުފިޔާގެ ޓްރެޒަރީ ބޮންޑުގައި އިންވެސްޓް ކުރުމަށް ޕެންޝަން އޮފީހުގެ ބޯޑުން އިއާޔަތްކުރި ކަންކަމުގެ ތެރޭގައި ޑުއަލް ކަރަންސީ ބޮންޑު ގަތުމަށް ފައިނޭންސް ކުރުމަށް ސެކަންޑަރީ މާކެޓުގައި ވިއްކާލަންޖެހޭ ބޮންޑުތައް ޕެންޝަން ފަންޑަށް އެއްވެސް ގެއްލުމެއް ނުވާނެ ގޮތަށް ވިއްކާލުން ހިމެނޭ ކަމަށްވެސް އެ އޮފީހުން ބުންޏެވެ. މީގެ އިތުރުން މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމުގެ ދުރު ރާސްތާގެ އިންވެސްޓްމަންޓް ސްޓްރެޓެޖީ ހެދުމުގައި ލިބިފައިވާ ކޮންސަލްޓަންޓުންގެ ލަފައާއި އެއްގޮތަށް އިންވެސްޓްމަންޓުތައް ސިންދަފާތުކޮށް ފަންޑުގެ ވިލުންތެރިކަން ހަރުދަނާކުރުމުގެ ގޮތުން އިންވެސްޓްމަންޓުތަކުގެ ފައިދާ ޑޮލަރުން ލިބޭ ބޮންޑެއްގައި އިންވެސްޓުކުރުމާއި، އިންވެސްޓްކޮށްފައިވާ އެސެޓުތަކުގެ އެވްރެޖް ޑިއުރޭޝަން ދިގުކުރުމާއި، ޕޯޓްފޯލިއޯ ރިޓާން އިތުރުކުރުމަށް ކަމަށް ރިއާޔަތްކޮށްފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. ޕެންޝަން އޮފީހުން ބުނީ މި މުއާމަލާތުގެ ސަބަބުން ބާޒާރުން ބޭރު ފައިސާ ގަންނަން ނުޖެހި އިންވެސްޓްމަންޓެއްގެ ތެރެއިން ޕެންޝަން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދޭނެ ކަމަށެވެ. މީގެ އިތުރުން ޕެންޝަން ފަންޑުން މިހާތަނަށް އިންވެސްޓްކޮށްފައިވާ ޓްރެޒަރީ ބިލްތަކުގެ ތެރެއިން ބައެއް ދިގު މުއްދަތުގެ ޓްރެޒަރީ ބޮންޑަށް ބަދަލުކުރުމުގެ ފުރުސަތު މި މުއާމަލާތުން ލިބިގެންދިއުމާއެކު ޕޯޓްފޯލިއޯ ރިޓާންވެސް އިތުރުވާނެ ކަމަށެވެ. ޕެންޝަން އޮފީހުން އިތުރަށް ބުނީ ރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން އެ އޮފީހުގެ ބޯޑު މެންބަރުންގެ މައްޗަށް ލާޒިމުކުރަނީ ފަންޑުގެ ބައިވެރިންގެ މަސްލަހަތު އިސްކޮށް އެ މެންބަރުންނަށް އެންމެ ފައިދާ ހުރި ގޮތަށް ފަންޑު ހިންގުމަށް ބޭނުންވާ ނިންމުންތައް ނިންމުން ކަމަށެވެ. މި މުއާމަލާތުގެ ހުރިހާ މަސައްކަތެއް ކުރިއަށް ގެންދިޔައީ ރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި ޕެންޝަން އޮފީހުގެ ދުރު ރާސްތާ އިސްތިރާޖާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް ޕެންޝަން އޮފީހުން ބުނެފައިވެ އެވެ.