3.5 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަނީ
އަވަސް
4 ފެބްރުއަރީ 2026 | ބުދަ | 7:29
ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން 3.5 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލައިފި އެވެ.
ފިނޭންސް މިނިސްޓްރީން މި ފަހަރު ވިއްކަން ހުޅުވާލި ޓީ-ބިލުތަކުގެ ތެރޭގައި މާޗް 9 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 1.1 ބިލިއަން ރުފިޔާގެ ޓީ-ބިލަކާއި މޭ 18 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 160 މިލިއަން ރުފިޔާގެ ޓީ-ބިލެއް ހިމެނެ އެވެ. މީގެ އިތުރުން އޮގަސްޓް 10 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 1.05 ބިލިއަން ރުފިޔާގެ ޓީބިލަކާއި އަންނަ އަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 1.2 ބިލިއަން ރުފިޔާގެ ޓީ-ބިލެއް ހިމެނެ އެވެ. ޓީބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގަ އެވެ. ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުންވެސް ޓީބިލް ގަނެ އެވެ. ޓީ-ބިލްއަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެވެ. ރާއްޖޭގެ ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ.