އެޗްޑީސީ އާއި އަލް އަސްރު ގުޅިގެން ހުޅުމާލޭގައި ހިލޭ ހިންގާ ގުރުއާން ކްލާސްތަކުގައި ބައިވެރިވާން ހުޅުވާލައިފި
އަވަސް
4 ފެބްރުއަރީ 2026 | ބުދަ | 5:46
ކުޑަކުދިން ގުރުއާނަށް ހިތްޖައްސައި އަހުލުވެރިކުރުވުމަށް، އެޗްޑީސީ އާއި އަލް އަސްރު ޖަމިއްޔާ ގުޅިގެން ހުޅުމާލޭގައި ކުރިއަށްގެންދަން ރާވާފައިވާ ގުރުއާން ކްލާސްތަކުގައި ބައިވެރިވާން މިއަދު ހުޅުވާލައިފި އެވެ.
މި ކްލާސްތައް ކުރިއަށްގެންދާނީ ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނެގުމަކާ ނުލައި މުޅިން ހިލޭ ކަމަށް އެޗްޑީސީ އިން ވަނީ ބުނެފަ އެވެ. މިއީ ހުޅުމާލޭގައި ގުރުއާން ކްލާސްތައް ކުރިއަށްގެންދިއުމާއެކު ދީނީ ދަރުސް ދިނުމަށް، އަލް އަސްރު ޖަމިއްޔާއާއި އެޗްޑީސީއާ ދެމެދު މިދިޔަ ސެޕްޓެމްބަރު މަހު ސޮއިކުރެވުނު މެމޮރެންޑަމް އޮފް އަންޑަސްޓޭޑިން (އެމްއޯޔޫ) ގެ ދަށުން ކުރިއަށްގެންދާ ކްލާސްތަކެކެވެ. އެއް އަހަރު ދުވަހުގެ މި އެމްއޯޔޫގެ ދަށުން ހަފްތާއަކު ފަސް ދުވަހު ކޮންމެ ދުވަހަކު ހަތަރު ގުރުއާން ސެޝަން ކުރިއަށްގެން ދިއުމަށް ހަމަޖެހިފައިވާއިރު ކޮންމެ ސެޝަންއެއްގައި 20 ކުދިންނަށް ބައިވެރިވެވޭނެ ކަމަށް އެޗްޑީސީ އިން ވަނީ ބުނެފަ އެވެ. މި ކްލާސްތަކުގައި ބައިވެރިވެވޭނީ އުމުރުން 7 އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންނަށެވެ.
އެޗްޑީސީ އިން ބުނި ގޮތުގައި ކްލާސްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހެނދުނާއި ހަވީރަށް ބަހާލައިގެން އަންހެން އަދި ފިރިހެން ކުދިން ވަކިންނެވެ. ކްލާސްތަކުގައި ގުރުއާން ކިޔަވައިދޭ ޓީޗަރުން ހަމަޖެއްސުމާއި ޓްރެއިން ކުރުން ކުރިއަށްގެންދާނީ އަލް އަސްރު ޖަމިއްޔާގެ ފަރާތުންނެވެ. މި ކްލާސްތަކާ ގުޅޭ އިތުރު މައުލޫމާތު އަލް އަސްރު ޖަމިއްޔާއާ ގުޅޭ ނަންބަރު: 7925277 އަށް ގުޅުއްވުމުން ލިބޭނެ އެވެ.