ރަސްމީ ގްރޮސް ރިޒާވް 1.13 ބިލިއަން ޑޮލަރަށް އަރައިފި
އަވަސް
5 ފެބްރުއަރީ 2026 | ބުރާސްފަތި | 10:09
ރާއްޖޭގެ ރަސްމީ ގްރޮސް ރިޒާވް 1.13 ބިލިއަން އެމެރިކާ ޑޮލަރު އަރާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް 38 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވީ އާމްދަނީއަށް އައި ހެޔޮ ބަދަލުތަކާއެކު މިދިޔަ އަހަރު ބޭރު ފައިސާގެ އާމްދަނީގެ ގޮތުގައި 1.2 ބިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާ ކަމަށެވެ. "ނަތީޖާއެއްގެ ގޮތުން ދަރަނި އަދާކުރުމަށްޓަކައި އުފައްދާފައިވާ ފަންޑް ކަމުގައިވާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް އެސްޑީއެފްއަށް ޖަމާކުރާ ޑޮލަރު އިތުރުވެ ރަސްމީ ރިޒާވަށް ހެޔޮ ބަދަލުތަކެއް އައިސްފައިވޭ،" ރައީސް މުއިއްޒު ވިދާޅުވި އެވެ. ރައީސް މުއިއްޒު ވިދާޅުވީ ޗައިނާއިން ނަގާފައިވާ ލޯނުގެ ބައެއް މާލިއްޔާއަށް ބުރަ ނުވާނެ ގޮތަށް ރިފައިނޭންސް ކުރުމަށް ޗައިނާ ސަރުކާރާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި އިންޑިއާއިން ދީފައިވާ ސްފޮޕް ފެސިލިޓީގައި އައިއެމްއެފްގެ ޕްރޮގްރާމަކަށް ދާންޖެހޭ ގޮތަށް އޮތް އޮތުން އުނިކޮށް ރޯލްއޯވާ ކޮށްދީފައި އޮތުމުން ދައުލަތުގެ ރަސްމި ރިޒާވަށް އޭގެ ހެޔޮ އަސަރު ކުރަމުން އަންނަ ކަމަށެވެ. "ބޭރު ފައިސާއާބެހޭ ގާނޫނު ތަންފީޒުކުރަން ފެށިފަހުން 2025 ވަނަ އަހަރުގެ ޖެނުއަރީއިން ފެށިގެން ޑިސެމްބަރާ ހަމައަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް 492 މިލިއަން އެމެރިކާ ޑޮލަރު މާރުކޮށްފައިވޭ. މީގެ ސަބަބުން 2025 ވަނަ އަހަރު ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވުމަށް މަގުފަހިވި. މި ގޮތުން ބަލާއިރު މިވަގުތު ރާއްޖޭގެ ރަސްމީ ގްރޮސް ރިޒާވްގައި 1.13 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މަތީގައި އެބަހުރި،" ރައީސް މުއިއްޒު ވިދާޅުވި އެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް ރާއްޖޭގެ ރަސްމީ ގްރޮސް ރިޒާވް އެންމެ މައްޗަށް ދިޔަ ފަހަރު ކަމަށް ރައީސް ވިދާޅުވި އެވެ.