ޗާގޯސް މައްސަލަ: ކުރީ ސަރުކާރުގެ ސިޓީ އަނބުރާ ގެންނަން ނިންމައިފި
އަވަސް
5 ފެބްރުއަރީ 2026 | ބުރާސްފަތި | 10:55
ޗާގޯސް މައްސަލައިގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މޮޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އަނބުރާ ގެނައުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ ފާއިތުވި ސަރުކާރުގެ ދުވަސްވަރު ރާއްޖޭގެ ދެކުނުން ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުން ބައެއް ފޯޅަވައްސާއި ފުށު އަރާ ކަމަށް ބުނެ ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން ހުށަހެޅި މައްސަލައިގައި ދިވެހި ސަރުކާރުން ބައިވެރިވެ ރާއްޖޭގެ އީއީޒެޑްގެ ތެރެއިން ދެކުނުން ބޮޑު ބައެއް ދޫކޮށްލާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ އެ ނިންމުން ދިރާސާކޮށް، ރާއްޖޭގެ ކަނޑުން ދޫކޮށްލި ސަރަހައްދު އަނބުރާ ހޯދުމަށްޓަކައި ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ނޮވެމްބަރު 19، 2023 ގައި ބަންޑާރަ ނައިބަށް އަންގަވާފައިވާ ކަމަށެވެ. އެއާއެކު އެ މައްސަލަ ދިރާސާކުރުމަށް ތިން މެންބަރުންގެ ވިލަރެސް ކޮމިޓީއެއް ބަންޑާރަނައިބު އެކުލަވާލި ކަމަށާއި މި މައްސަލައިގައި އައްޔަންކުރި ބައިނަލްއަގުވާމީ މާހިރުންގެ ލަފާގެ މައްޗަށް ބިނާކޮށް އެ ކޮމީޓީން އެކުލަވާލި ރިޕޯޓް މިދިޔަ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު ލިބިވަޑައިގެންފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ކޮމިޓީން ހުށަހެޅި ކަންކަން ޖެނުއަރީ 25 ވަނަ ދުވަހު ބަންޑާރަނައިބު ކެބިނެޓަސް ހުށަހެޅުއްވި ކަމަށާއި މި މައްސަލަ ދިރާސާކޮށް ކެބިނެޓަށް ހުށަހެޅި ރިޕޯޓާ ގުޅިގެން ފިޔަވަޅުތައް އެޅުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. "މި ނިންމުންތައް ތަންފީޒު ކުރުމަށް ސަރުކާރުން ވަނީ ފަށާފަ. އެ ގޮތުން އައްޔަން ކުރައްވާފައިވާ ގާނޫނީ މާހިރުން ދެއްވާފައިވާ ލަފައާ އެއްގޮތަށް ދިވެހިރާއްޖޭގެ އިގުތިސާދީ ސަރަހައްދުން ދޫކޮށްލި ބައި ހޯދުމަށް ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން މިހާރު ކުރަން ފަށައިފިން،" ރައީސް ވިދާޅުވި އެވެ. ރައީސް މުއިއްޒު ވަނީ އޮގަސްޓް 22، 2022 ގައި އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އަނބުރާ ގެންނަން ނިންމި ހާމަކުރައްވާފަ އެވެ. "ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ 22 އޮގަސްޓް 2022ގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގެ ސަބަބުން ދިވެހިރާއްޖޭގެ ސިޔާދަތީ ސަރަޙައްދުގެ ރައްކާތެރިކަމަށް ނޭދެވޭ އަސަރުކޮށްފަވާ ކަމަށް ބައިނަލްއަޤްވާމީ މާހިރުންގެ ލަފާ ލިބިފަވާތީ، ދިވެހިރާއްޖެއިން އެ ސިޓީ އަނބުރާ ގެނައުމަށް ނިންމިކަން، މި ފަހުރުވެރި ދިވެހި ދައުލަތާއި ލޮބުވެތި އެންމެހާ ދިވެހި ރައްޔިތުންގެ ހައްގުގައި، ތިޔަ އިއްޒަތްތެރި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކުރިފުޅުމަތީގައި މި ވަގުތު އަޅުގަނޑު އިއުލާނުކުރަން،" ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ރާއްޖޭގެ އާކިޕެލިޖިކް ބޭސްޕޮއިންތްތަކާ ހަވާލާދީ ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދަކީ ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭ ގޮތަށް ގާނޫނުގައި މިހާރުވެސް ކަނޑައަޅާފައިވާ ސަރަހަހައްދު ކަމަށް ނިންމާ އެކަން ރައީސް ވަނީ އިއުލާނު ކުރައްވާފަ އެވެ.