ވިޔަފާރި ބަނދަރު ނޮވެމްބަރު 2027ގައި ތިލަފުއްޓަށް ބަދަލުކުރަނީ
އަވަސް
5 ފެބްރުއަރީ 2026 | ބުރާސްފަތި | 11:13
މާލެ ވިޔަފާރި ބަނދަރު އަންނަ އަހަރުގެ ނޮވެމްބަރު މަހު ތިލަފުއްޓަށް ބަދަލު ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ މާލެ ވިޔަފަރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އެ ގޮތުން މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 125 މީޓަރުގެ އިންޓަނޭޝަނަލް ކީވޯލްގެ މަސައްކަތް މިއަދު އެމްޕީއެލް އިން ބަޔަކާއި ހަވާލުކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް މުއިއްޒު ވިދާޅުވީ ޑޮމެސްޓިކް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމަށް ބޭނުންވާ ދެ ކިލޯމީޓަރުގެ ކީވޯލްއާއި، ޕޭވްކުރުމާއި، އިމާރާތްތައް އެޅުމާއި އަދި އިކުއިޕްމަންޓް ހޯދުމަށް މިއަހަރުގެ މެދުތެރޭ އެކި ފަރާތްތަކަށް ހަވާލުކުރެވޭނެ ކަމަށެވެ. "މި ހުރިހާ މަސައްކަތެއް ނިންމައި އިރާދަކުރެއްވިއްޔާ 11 ނޮވެމްބަރު 2027 ވަނަ ދުވަހު މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރެވޭނެ،" ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މި ބަދަލާއެކު ބަނދަރުގެ ހިދުމަތްތައް ފެށުމުން މިހާރު 7 ދުވަހުން ހުސްކުރެވޭ ބޯޓު 48 ގަޑިއިރުން ހުސް ކުރެވޭނެ ކަމަށެވެ. މީގެ އިތުރުން ބަނދަރުގައި މުދާ ބެހެއްޓޭނެ މުއްދަތު އިތުރުކުރެވި މުދާ ރާއްޖެ ގެނައުމަށް ހިނގާ ހަރަދު ކުޑަވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.