ސުކޫކް އަނބުރާ ދެއްކުމާއި ރީފައިނޭންސް ކުރުމުގެ ޕްލޭން ހާމަކުރައްވައިފި
އަވަސް
5 ފެބްރުއަރީ 2026 | ބުރާސްފަތި | 11:30
ސުކޫކް އަނބުރާ ދެއްކުމާއި ރީފައިނޭންސް ކުރުމުގެ ޕްލޭން އިއުލާން ކުރައްވާ ދަރަނީގެ އިންޓްރެސްޓް ރޭޓް މިހާރަށްވުރެ މަތިނުވާނެހެން ހިފަހައްޓަވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށް ދެއްވި ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވަނީ ރާއްޖޭގެ ބޭރުގެ ދަރަނިތައް އަދާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ތަފުސީލުކޮށް ދެއްވާފަ އެވެ. އެސްޑީއެފްގައި މި މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް 275 މިލިއަން ޑޮލަރު ހުރިކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ މިއަހަރުގެ އެޕްރީލްގައި މުއްދަތު ހަމަވާ ސުކޫކަށް ބޭނުންވާ 150 މިލިއަން އެމެރިކާ ޑޮލަރު ހަމަޖައްސާނީ އެސްޑީއެފްގައި ރައްކާކޮށްފައިވާ ބޭރު ފައިސާއިން ކަމަށެވެ. މި ސަރުކާރަށް ވާރުތަވި އެންމެ ބޮޑު މާލީ ގޮންޖެހުމަކީ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު ކަމަށާއި އެއީ 2017 ވަނަ އަހަރުގެ 250 މިލިއަން ޑޮލަރުގެ ބޮންޑެއް ދެއްކުމަށްޓަކައި ކުރީ ސަރުކާރުން ބޮޑު އަގުގައި ނަގާފައިވާ ސުކޫކެއް ކަމަށާއި، އޭގެ އަސްލު ތަކްލީފު 10.5 އިންސައްތައަށް އަރާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. ސަރުކާރުން ފުރަތަމަ ދުވަހުން ފެށިގެން މި ސުކޫކު ދެއްކުމަށް ތައްޔާރުވި ކަމަށާއި ސުކޫކުގެ އެއްބައި ދެއްކުމަށްފަހު ބާކީބައި ރީފައިނޭންސް ކުރާއިރު އިންޓްރެސްޓް ރޭޓް މިހާރަށްވުރެ ބޮޑުނުވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވި އެވެ. މީގެ އިތުރުން ކުރިއަށް އޮތް 45 ދުވަސް ތެރޭގައި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 100 މިލިއަން އެމެރިކާ ޑޮލަރު ލިބޭނެކަން ކަށަވަރުވެފައިވާ ކަމަށާއި ރާއްޖެއަށް ދަރަނި ދޫކުރާ ފަރާތްތަކަށް 'ޓްރިޕަލް-އޭ' ރޭޓިން އެޖެންސީތަކުން އިންޝުއަރެންސް ކަވަރޭޖް ހޯދާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި އިތުރު 150 މިލިއަން ޑޮލަރު ހޯދުމަށް އެކި ފަރާތްތަކާއެކު މަޝްވަރާކުރެވެމުންދާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި އެކަން ކޮޅެއްގައި ޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.