ޓޫރިޒަމްގެ ސީދާ ނަފާ ރައްޔިތުންނަށް، އަހަރު 400 ޑޮލަރު
އަވަސް
5 ފެބްރުއަރީ 2026 | ބުރާސްފަތި | 12:58
ފަތުރުވެރިކަމުގެ ސިނާއަތުގެ ސީދާ ނަފާ ކޮންމެ ދިވެއްސަކަށް ކުރާނެ ގޮތަށް ފަހިކޮށް ދޭން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގައި ފަތުރުވެރިކަން ފެށުނުތާ 54 އަހަރުވެފައި ވީނަމަވެސް މި ސިނާއަތުން ދިވެހި ހުރިހާ ރައްޔިތުންގެ ޖީބަށް ސީދާ ގޮތެއްގައި ފައިސާ ލިބޭނެ އެއްވެސް މަގެއް މިހާތަނަށް އެއްވެސް ސަރުކާރަކުން ފަހިކޮށްދީފައި ނުވާ ކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ ހަގީގީ މިލްކުވެރިންނަކީ ދިވެހިން ކަމަށާއި އެހެންވެ އެކަމުން ދިވެހިންނަށް ސީދާ ގޮތެއްގައި އާމްދަނީ ލިބޭނެ ގޮތެއް ނިޒާމި ގޮތެއްގައި ހަމަޖެހިގެންދިއުމަކީ އެންމެ އަދުލުވެރި ގޮތް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ. އެކަމުގައި ކެބިނެޓްގައި މަޝްވަރާކޮށް ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި މަދުވެގެން 10 ރިސޯޓް ތަރައްގީކުރަން ނިންމާފައިވާކަން ރައީސް އިއުލާނު ކުރެއްވި އެވެ. "އެ ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑުބައެއް ހަމަ އެއްވެސް ރައްޔިތަކު ބާކީ ނުކޮށް ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ހަމަހަމަ ކަމާއެކު އަހަރަކު އެއްފަހަރު ބޭރު ފައިސާއިން ޖަމާކޮށްދޭން،" ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ކޮންމެ ދިވެއްސަކީ މި ރިސޯޓުތަކުގެ ހިއްސާދާރެއްގެ ގޮތުގައި ގާނޫނަކުން ކަނޑައަޅުއްވާނެ ކަމަށާއި އަންދާޒާއަކީ މި މަޝްރޫއުގެ ދަށުން 2030 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ އެކައުންޓަށް މި ފައިސާ ޖަމާކުރަން ފެށުން ކަމަށެވެ. އެ ގޮތުން އެވްރެޖްކޮށް ކޮންމެ ދިވެހި ރައްޔިތެއްގެ އެކައުންޓަށް އަހަރަކު މަދުވެގެން 400 ޑޮލަރު ޖަމާވެގެންދާނެ ރައީސް ވިދާޅުވި އެވެ.