ވިޔަފާރިތަކުގެ ބިލުތަކަށް މިދިޔަ އަހަރު 6.3 ބިލިއަން ރުފިޔާ ދައްކައިފި
އަވަސް
5 ފެބްރުއަރީ 2026 | ބުރާސްފަތި | 2:40
ސަރުކާރުން ރާއްޖޭގެ ވިޔަފާރިތަކުގެ ބިލުތަކަށް މިދިޔަ އަހަރު 6.3 ބިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ މިއަހަރުގެ ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ. ރިޔާސީ ބަޔާނުުގައި ރައީސް މުއިއްޒު ވިދާޅުވީ ވިޔަފާރިތަކުން ފޯރުކޮށްދީފައިވާ ތަކެއްޗާއި ހިދުމަތްތަކަށް ގިނަ އަހަރުތަކެއް ވަންދެން ނުދައްކައި ހުރި "ލެގަސީ" ބިލުތަކަށް ފައިސާ ދެއްކުމުގެ ބޭނުމަށް ސަރުކާރު ކުންފުނިތަކަށް 882 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބިލުތަކުގެ ތެރެއިން 1 ބިލިއަން ރުފިޔާގެ ބިލު ސީދާ ސަރުކާރުން ދައްކައިދީފައިވާ ކަމަށެވެ. މީގެ އިތުރުން އިމްޕޯޓްކުރާ މުދާ އެއާޕޯޓުން ކްލިއާ ކުރުމަށް އޮތް 80 ގަޑިއިރުގެ ވަގުތު، 124 ގަޑިއިރަށް އިތުރުކުރުމާއި، ޑެމަރޭޖް ފީ ނާރާ، މާލެ އަދި ހުޅުމާލެ ޕޯޓުގައި ބެހެއްޓޭ މުއްދަތު 5 ދުވަހުން 10 ދުވަހަށް މިހާރު އިތުރުކޮށްދީފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ކުދި އަދި މެދު ފަންތީގެ ކެފޭ، ރެސްޓޯރަންޓްތައް ރަޖިސްޓަރީ ކުރުމަށް ނަގަމުންދިޔަ ފީ ކުރިއަށް އޮތް 2 އަހަރު ދުވަހަށް 50 އިންސައްތަ އަށް ކުޑަކޮށްފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.