ދެ އަހަރުން ދެ ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

އަވަސް

5 ފެބްރުއަރީ 2026 | ބުރާސްފަތި | 6:27

މިދިޔަ ދެ އަހަރުގެ ތެރޭގައި ދެ ބިލިއަން ރުފިޔާއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފި އެވެ.

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ގޮތުން އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ނޮވެމްބަރު 17، 2023 އިން ފެށިގެން މިހާތަނަށް އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 2.3 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. "މިއީ ވޭތުވެދިޔަ 3 ދައުރުގައިވެސް ފުރަތަމަ 2 އަހަރު އަތުލެވުނު އެންމެ ގިނަ މަސްތުވާތަކެތި އަތުލެވުނު 2 އަހަރު،" ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ އެކި ބާވާތްތަކުން ޖުމްލަ 712.72 ކިލޯ ގްރާމްގެ ތަކެތި މިދިޔަ އަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނެވެ. "މީގެ އިތުރުން 7245 ބަނގުރާފުޅި/ދަޅު އަތުލެވިފައިވޭ. މި ތަކެއްޗަކީ މަގުމަތީގެ އަގުން ބަލާނަމަ 1,036,399,035.50 ރުފިޔާގެ މަސްތުވާތަކެތި. އަދި 17 ނޮވެމްބަރ 2023 އިން ފެށިގެން މިހާތަނަށް 1366 ކިލޯގްރާމް ގެ މަސްތުވާ ތަކެތި އަދި 14,825 ބަނގުރާފުޅި ވަނީ އަތުލެވިފައި. މިތަކެތީގެ ޖުމްލަ މަގުމަތީ އަގަކީ 2.3 ބިލިއަން ދިވެހި ރުފިޔާ،" ރައީސް މުއިއްޒު ވިދާޅުވި އެވެ. ރައީސް މުއިއްޒު ވިދާޅުވީ ގައުމުގެ އަމަންއަމާންކަމާއި ހަމަޖެހުން ގާއިމުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމުގެ ގޮތުން މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށްޓަކައި ދެ ދާއިރާއަކުން އެއްފަހަރާ މަސައްކަތްކުރަމުންދާ ކަމަށެވެ. އެއީ މަސްތުވާތަކެތީގެ މުޖުތަމައު ތެރޭގައި ލިބެން ހުންނަ ހުރުން މަދުކުރުމާއި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ކުރުމަށް ނުވަތަ ރިހެބިލިޓޭޓް ކުރުމަށް މަސައްކަތް ކުރުން ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް މުއިއްޒު ވިދާޅުވީ މަސްތުވާތަކެތީގެ ސަޕްލައި ދަށްކުރުމަށްޓަކައި މިދިޔަ އަހަރު 212 އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށާއި މީގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާއި ދެކޮޅަށް ފެށި "އޮޕަރޭޝަން އަލިމަގު" ހިމެނޭ ކަމަށެވެ. "އޮޕަރޭޝަން އަލިމަގު" ފެށީ އެއްފަހަރާ 500 ފުލުހުން ބޭނުންކޮށްގެން މުޅި ރާއްޖޭގައި 100 ތަނެއް ބަލައިފާސްކުރުމުގެ ހާއްސަ މަސައްކަތަކުން ކަމަށާއި މިމަސައްކަތް މިހާރުވެސް ކުރިއަށްދާއިރު، މިހާތަނަށް 204 ތަނެއް ބަލާ ފާސްކޮށް، 271 ފަރާތެއް ބަންދުކޮށް، 120 މައްސަލަ ބަލާ ތަހުގީގުކޮށް، 37 ފަރާތަކަށް ދަޢުވާ ފޮނުވާފައިވާ ކަމަށް ރައީސް ވިދާލުވެފައިވެ އެވެ.

މައުޟޫޢުތަށް