400 ޑޮލަރު ބަހަން ފައިސާ ނެރޭނެ ގޮތެއް ހިސާބުތަކުން ނުދައްކާ: ފައިސަލް
އަވަސް
5 ފެބްރުއަރީ 2026 | ބުރާސްފަތި | 6:45
ރާއްޖޭގެ އާބާދީގެ ކޮންމެ ބޮލަކަށް 400 ޑޮލަރު ބަހަން 200 މިލިއަން ޑޮލަރު 10 ރިސޯޓުން ފައިސާގެ ގޮތުގައި ނެރޭނެ ގޮތެއް ހިސާބުތަކުން ނުދައްކާ ކަމަށް ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ފައިސަލް ނަސީމް މިހެން ވިދާޅުވީ ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި މަދުވެގެން 10 ރިސޯޓް ތަރައްގީކޮށް 2030 ވަނަ އަހަރުން ފެށިގެން ކޮންމެ ދިވެއްސަކަށް އަހަރަކު 400 ޑޮލަރު ޖަމާވެގެންދާނެ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވުމުންނެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ނަސީމް ވިދާޅުވީ 2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ އާބާދީ 5 ލައްކައަށް ވުރެ މަތިވާނެކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު، އާބާދީގެ ބޮލަކަށް 400 ޑޮލަރު ބަހަން 200 މިލިއަން ޑޮލަރު 10 ރިސޯޓުން ފައިދާގެ ގޮތުގައި ނެރޭނެ ގޮތެއް ހިސާބުތަކުން ނުދައްކާ ކަމަށެވެ. "މާލޭ ކައިރީގައި 150 ކޮޓަރީގެ ފައިވްސްޓާ ރިސޯޓެއް ހެދުމަށް މިހާރު ޑޮލަރުގެ އަގު ހުރި މިންވަރާއި ތަކެތީގެ އަގާއި އިމާރާތް ކުރުމުގެ ޚަރަދުތަކަށް ބަލާއިރު ގާތްގަނޑަކަށް 80 މިލިއަން ޑޮލަރު ބޭނުންވޭ. 10 ރިސޯޓު ހަދަން މި ދައްކަނީ 800 މިލިއަނެއްހައި ޑޮލަރު ހޯދާނެ ގޮތެއްގެ ވާހަކަ،" ފައިސަލް ނަސީމް ވިދާޅުވި އެވެ. ސޯޝަލް ހައުސިންއަށް ފައިސާ ނުހޯދިގެން އުޅޭއިރު ސަރުކާރުން ފަސް ތަރީގެ ރިސޯޓެއް ހެދުމަށްޓަކައި މި އަދަދު ހޯދާނެ ގޮތެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ފައިސަލް ވިދާޅުވި އެވެ. މެދު ކެނޑުމެއް ނެތި މުޅި ދުނިޔެއަށް އިގުތިސާދީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކާއި ފަތުރުވެރި ކަމުގެ ދާއިރާގައި އޮތް ވާދަވެރިކަމުގެ ތެރެއިން، 500 ޑޮލަރަށް ކޮޓަރިއެއް އެވްރެޖު ޑެއިލީ ރޭޓެއްގެ ގޮތުގައި ވިއްކިދާނެތޯ ފައިސަލް ވަނީ ސުވާލު އުފައްދަވާފަ އެވެ. އަދި 500 ޑޮލަރުގެ ރޭޓުން 65 އިންސައްތައިގެ އޮކިއުޕެންސީއެއްގައި ރޫމް ރެވެނިއު ގޮތުގައި އެންމެ ގިނަވެގެން މި ލިބެނީ 17 މިލިއަން ޑޮލަރާއި 20 މިލިއަން ޑޮލަރާއި ދެމެދުގެ މިންވަރެއްކަން ފައިސަލް ފާހަގަކުރެއްވި އެވެ. ރިސޯޓެއް ހިންގުމަށް ޓެކްސް ދެއްކުމާއި މުވައްޒަފުންގެ މުސާރަ ދިނުމާއި އަދި އެހެނިހެން ހަރަދުތައް ކަނޑާލުމަށް ފަހު ބާކީ ވާނީ ކިހާވަރެއްކަން އެނގޭތޯ ފައިސަލް ސުވާލު ކުރެއްވި އެވެ. "މިވަރު ރިސޯޓެއްގެ އޮޕަރޭޝަން ކިރިޔާ ހިފަހައްޓާލެވޭނީ 50 އިންސައްތަ އޮކިއުޕަންސީ މުޅި އަހަރުގެ ތެރޭގައި ހިފެހެއްޓިގެން. އަދި ކޮބައިތޯ ނަގާ ލޯނަށް ފައިސާ ދެއްކުން؟ މިކަމަށް ވެސް އެންމެ މަދުވެގެން 8 އަހަރުވަރު ބޭނުންވޭ،" ފައިސަލް ވިދާޅުވި އެވެ. ފައިސަލް އިތުރަށް ވިދާޅުވީ ދުނިޔޭގެ އެންމެ މަޤުބޫލު މަންޒިލްގެ ގޮތުގައި ރާއްޖެ މިއަދާ ހަމައަށް ދެމި އޮތީ، މި ސިނާއަތުގައި އަމިއްލަ ފަރާތްތަކުން ކުރި ބުރަ މަސައްކަތުން ކަމަށާއި މިހާތަނަށް އައިއިރު، ސަރުކާރުން ފަތުރުވެރި ކަމުގެ ސިނާއަތަށް ވަދެގެން ކުރި ކޮންމެ މަސައްކަތަކުން އޮތީ އިންތިހާ އަށް ގެއްލުން ލިބިފައި ކަމަށެވެ.