ޗާގޯސް މައްސަލަ: ކުރީ ސަރުކާރުގެ ސިޓީ އަނބުރާ ގެންނަވައިފި
އަވަސް
5 ފެބްރުއަރީ 2026 | ބުރާސްފަތި | 7:13
ޗާގޯސް މައްސަލައިގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މޮޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަނބުރާ ގެންނަވައިފި އެވެ.
އެ ސިޓީ އަނބުރާ ގެންނަވަން ނިންމަވާފައިވާކަން ރައީސް މުއިއްޒު ހާމަކުރެއްވީ ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ގޮތުން އިއްވެވި ރިޔާސީ ބަޔާނުގަ އެވެ. ރައީސް އޮފީހުން މިއަދު ބުނީ އޮގަސްޓް 22، 2022 ގައި އޭރުގެ ރައީސް ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީ އަނބުރާ ގެންނެވުމާއި ގުޅޭ ގޮތުން ރައީސް މުއިއްޒު މޮރިޝަސްގެ ބޮޑުވަޒީރާ ރަސްމީ ގޮތުން ވާހަކަ ދައްކަވާފައިވާ ކަމަށެވެ. ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ ކުރީ ސަރުކާރުގެ ދުވަސްވަރު ރާއްޖޭގެ ދެކުނުން ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުން ބައެއް ފޯޅަވައްސާއި ފުށު އަރާ ކަމަށް ބުނެ ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން ހުށަހެޅި މައްސަލައިގައި ދިވެހި ސަރުކާރުން ބައިވެރިވެ ރާއްޖޭގެ އީއީޒެޑްގެ ތެރެއިން ދެކުނުން ބޮޑު ބައެއް ދޫކޮށްލާފައިވާ ކަމަށެވެ. "ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ 22 އޮގަސްޓް 2022ގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގެ ސަބަބުން ދިވެހިރާއްޖޭގެ ސިޔާދަތީ ސަރަޙައްދުގެ ރައްކާތެރިކަމަށް ނޭދެވޭ އަސަރުކޮށްފަވާ ކަމަށް ބައިނަލްއަޤްވާމީ މާހިރުންގެ ލަފާ ލިބިފަވާތީ، ދިވެހިރާއްޖެއިން އެ ސިޓީ އަނބުރާ ގެނައުމަށް ނިންމިކަން، މި ފަހުރުވެރި ދިވެހި ދައުލަތާއި ލޮބުވެތި އެންމެހާ ދިވެހި ރައްޔިތުންގެ ހައްގުގައި، ތިޔަ އިއްޒަތްތެރި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކުރިފުޅުމަތީގައި މި ވަގުތު އަޅުގަނޑު އިއުލާނުކުރަން،" ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ރާއްޖޭގެ އާކިޕެލިޖިކް ބޭސްޕޮއިންތްތަކާ ހަވާލާދީ ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދަކީ ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭ ގޮތަށް ގާނޫނުގައި މިހާރުވެސް ކަނޑައަޅާފައިވާ ސަރަހަހައްދު ކަމަށް ނިންމާ އެކަން ރައީސް ވަނީ އިއުލާނު ކުރައްވާފަ އެވެ.