ތިލަފުށި ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ހަވާލުކޮށްފި
އަވަސް
6 ފެބްރުއަރީ 2026 | ހުކުރު | 7:10
ތިލަފުށީގައި ތަރައްގީކުރާ ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ ޑިޒައިން އާއި ސާވޭގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިއްޔެ ވަނީ ތިލަފުށީގައި ތަރައްގީކުރުމަށް ރާވާފައިވާ ބަނދަރުގެ ފޭސް-1ގެ ޑިޒައިން އާއި ސާވޭގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އާ ހަވާލުކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން، ސީއެޗްއީސީން މި މަސައްކަތް ފަސް މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ފުރިހަމަކުރުމަށްފަހު، ދެ ފަރާތުން އެއްބަސްވެވޭ އަގެއްގެ މައްޗަށް މި ޕްރޮޖެކްޓްގެ ކޮންސްޓްރަކްޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެމްޕީއެލުން ބުންޏެވެ. ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ގޮތުން އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ މާލެ ވިޔަފާރި ބަނދަރު އަންނަ އަހަރުގެ ނޮވެމްބަރު މަހު ތިލަފުއްޓަށް ބަދަލު ކުރެވޭނެ ކަމަށް ވިދާލުވެފަ އެވެ. އެ ގޮތުން މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 125 މީޓަރުގެ އިންޓަނޭޝަނަލް ކީވޯލްގެ މަސައްކަތް ބުރާސްފަތި ދުވަހު އެމްޕީއެލް އިން ބަޔަކާއި ހަވާލުކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް މުއިއްޒު ވިދާޅުވީ ޑޮމެސްޓިކް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމަށް ބޭނުންވާ ދެ ކިލޯމީޓަރުގެ ކީވޯލްއާއި، ޕޭވްކުރުމާއި، އިމާރާތްތައް އެޅުމާއި އަދި އިކުއިޕްމަންޓް ހޯދުމަށް މިއަހަރުގެ މެދުތެރޭ އެކި ފަރާތްތަކަށް ހަވާލުކުރެވޭނެ ކަމަށެވެ.