ރ. އަތޮޅުން ފެށިގެން އދ. އަތޮޅަށް އެލާޓް
އަވަސް
7 ފެބްރުއަރީ 2026 | ހޮނިހިރު | 7:36
ވައި ބާރުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ބައެއް ސަރަހައްދުތަކަށް އެލާޓް ނެރެފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ވަނީ ރ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ދެމެދަށް ވައިޓް އެލާޓް ނެރެފަ އެވެ. މި ސަރަހައްދަށް ވައިޓް އެލާޓް ނެރުނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ އެވެ. އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 6:15 އިން ހެނދުނު 11:00 އާ ހަމައަށެވެ. ރާއްޖޭގެ މޫސުން މިއަދަށް ލަފާކުރާ ގޮތާއި ގުޅޭ ގޮތުން މެޓް އޮފީހުން ބުނީ މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށެވެ. އެހެން ހިސާބުތަކަށް ކެރީގެ އަސަރު ކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެ އެވެ. މެދުރާއްޖެތެރެ އާއި އުތުރުގައި ރަޅުގެ އުސްމިނުގައި ހަތަރު ފޫޓާއި ހަތް ފޫޓު ހުންނާނެ ކަމަށް ލަފާކޮށްފައިވާއިރު ދެކުނުގައި ރާޅުގެ އުސްމިނުގައި ތިން ފޫޓާއި ފަސް ފޫޓު ހުންނާނެ ކަމަށް ލަފާކޮށްފައިވެ އެވެ.