ހުޅުމާލޭގައި ހިލޭ ކުރިއަށްގެންދާ ގުރުއާން ކުލާސްތަކަށް ބޮޑު ތަރުހީބެއް
އަވަސް
7 ފެބްރުއަރީ 2026 | ހޮނިހިރު | 12:57
ކުޑަކުދިން ގުރުއާނަށް ހިތްޖައްސައި އަހުލުވެރިކުރުވުމަށް، އެޗްޑީސީއާއި އަލް އަސްރު ޖަމިއްޔާ ގުޅިގެން ހުޅުމާލޭގައި ކުރިއަށްގެންދަން ރާވާފައިވާ ގުރުއާން ކްލާސްތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެޗްޑީސީ އިން ބުނެފި އެވެ.
ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނެގުމަކާ ނުލައި މުޅިން ހިލޭ ކުރިއަށްގެންދާ އެ ކްލާސްތަކުގައި ބައިވެރިވުމަށް މިދިޔަ ބުދަ ދުވަހު ހުޅުވާލުމާއެކު، 24 ގަޑިއިރުގެ ތެރޭގައި ހުރިހާ ސްލޮޓް ފުރިފައިވާ ކަމަށް އެޗްޑީސީ އިން ބުންޏެވެ. އެޗްޑީސީ އިން ބުނީ 7 އަހަރާއި 10 އަހަރާ ދެމެދުގެ ޖުމްލަ 103 ކުދިން އެ ކްލާސްތަކުގައި ބައިވެރިވެފައިވާ ކަމަށާއި އެހެންކަމުން ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ބަންދުކޮށްފައިވާ ކަމަށެވެ. މިއީ ހުޅުމާލޭގައި ގުރުއާން ކްލާސްތައް ކުރިއަށްގެންދިއުމާއެކު ދީނީ ދަރުސް ދިނުމަށް، އަލް އަސްރު ޖަމިއްޔާއާއި އެޗްޑީސީއާ ދެމެދު މިދިޔަ ސެޕްޓެމްބަރު މަހު ސޮއިކުރެވުނު މެމޮރެންޑަމް އޮފް އަންޑަސްޓޭޑިންގ (އެމްއޯޔޫ) ގެ ދަށުން ކުރިއަށްގެންދާ ކްލާސްތަކެކެވެ. އެއް އަހަރު ދުވަހުގެ މި އެމްއޯޔޫގެ ދަށުން ހުޅުމާލޭގެ އެކި މިސްކިތްތަކުގައި، ހަފްތާއަކު ފަސް ދުވަހު، ކޮންމެ ދުވަހަކު ހަތަރު ގުރުއާން ސެޝަން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެ ކްލާސްތައް ކުރިއަށްގެންދާނީ ހެނދުނާއި ހަވީރަށް ބަހާލައިގެން، އަންހެން އަދި ފިރިހެން ކުދިން ވަކިންނެވެ. ކްލާސްތަކުގައި ގުރުއާން ކިޔަވައިދޭ ޓީޗަރުން ހަމަޖެއްސުމާއި، ޓްރެއިން ކުރުން ކުރިއަށްގެންދާނީ އަލް އަސްރު ޖަމިއްޔާގެ ފަރާތުންނެވެ. އެޗްޑީސީގެ އިޖްތިމާއީ ޒިންމާގެ ދަށުން އަލް އަސްރާއެކު ސޮއިކުރެވުނު އެ އެއްބަސްވުމުގެ މަގްސަދަކީ، ދީނަށް ލޯބިކުރާ މުޖްތަމައުއެއް ބިނާކުރުމެވެ. އެގޮތުން، ކުރިއަށްއޮތްތަނުގައިވެސް މުޖްތަމައުއަށް ފައިދާހުރި މިފަދަ ގިނަ ޕްރޮގުރާމުތައް ހިންގުމަކީ މި ކޯޕަރޭޝަންގެ އަމާޒެކެވެ.