ސަރުކާރުން ލޮޖިސްޓިކްސް ކުންފުނި އުފެއްދުމަކީ ކަންބޮޑުވާންޖެހޭ ކަމެއް: ޝާހިދު
އަވަސް
8 ފެބްރުއަރީ 2026 | އާދިއްތަ | 7:12
ސަރުކާރުން ލޮޖިސްޓިކްސް ކުންފުންޏެއް އުފައްދައިގެން މަސައްކަތް ކުރަން ނިންމުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމުގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިހެން ވިދާޅުވީ އެމްޕީއެލުން މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސްގެ ހިދުމަތް ފެށުމުންނެވެ. މި ހިދުމަތުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ގުދަންތަކަށް އަސާސީ މުދަލާއި ކާޑުގެ ބާވަތްތައް ދަތިކަމެއް ނެތި ފޯރުކޮށްދިނުން ކަމަށް އެމްޕީއެލުން ބުނެފައިވެ އެވެ. މީގެ އިތުރުން މުދާ އުފުލުމާއި ގުދަންކުރުމާއި މުދާ ފޯރުކޮށްދިނުމުގެ ހުރިހާ މަރުޙަލާއެއް އެއް ވިއުގައަކުން ގުޅާލައި ލޮޖިސްޓިކްސްގެ ހަރަދުތައް ކުޑަކޮށް ވިޔަފާރިވެރިންނަށާއި އާންމުންނަށް ލުއިފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދިނުން މި ހިދުމަތުގެ ތެރޭގައި ހިމެނެ އެވެ. ޝާހިދު ވިދާޅުވީ މިފަދަ ނިންމުމަކީ މިނިވަން ވިޔަފާރީގެ އުސޫލުތަކާ މުޅިން ހިލާފު ދުނިޔޭގެ އެއްވެސް ގައުމެއްގައި ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ. "ސަރުކާރުގެ ދައުރަކީ ވިޔަފާރިއާ ވާދަކުރުމެއް ނޫން. އެއާހިލާފަށް އަދާކުރަންޖެހޭ ދައުރަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހިތްވަރުދީ، އެފަދަ ވިޔަފާރިތައް ކުރިއެރުވޭނެ މަގު ފަހިކޮށްދިނުން. ސަރުކާރަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާ ސީދާ ވާދަވެރިވުމަކީ ބާޒާރުގެ ވާދަވެރިކަމުގެ ހަމަ ނައްތާލާ، އިޤްތިޞާދީ ހަމަތައް ފުނޑުފުނޑުކޮށްލާ ކަމެއް،" ޝާހިދު ވިދާޅުވި އެވެ. މިކަމުގެ ސަބަބުން ލޮޖިސްޓިކްސް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޮޑެތި ގެއްލުންތައް ވާނެކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ އެމަސައްކަތުން އާމްދަނީ ހޯދައިގެން ދިރިއުޅެމުންދާ އެތައް އާއިލާތަކަށް މާލީގޮތުން އެތައް ތަކުލީފެއް އުފުލަން ޖެހި ދިވެހި އެތައް އާއިލާއެއްގެ އާމްދަނީ ހުއްޓި، ރައްޔިތުންގެ ދިރިއުޅުން އިތުރަށް ނިކަމެތިވެގެން ދާނެ ކަމަށެވެ. ޝާހިދު ވިދާޅުވީ މީގެ ނޭދެވޭ އަސަރު މުޅި އިގުތިސާދަށް ކުރާނެ ކަމަށެވެ. އެ ގޮތުން ޕްރައިވެޓް ސެކްޓާގެ އިންވެސްޓްމަންޓްތައް މަދުވާނެ ކަމަށާއި ވަޒީފާގެ ފުރުސަތުތައް ގެއްލިގެން ދާނެ ކަމަށް ޝާހިދު ވިދާލުވި އެވެ. މީގެ އިތުރުން އިގުތިސާދީ ދުވެލި މަޑުޖެހިގެން ދާނެ ކަމަށާއި ވިޔަފާރީގެ އިތުބާރު ގެއްލިގެން ދާނެ ކަމަށްވެސް ވިދާޅުވި އެވެ. ޝާހިދު ވަނީ ސަރުކާރުން ވިޔަފާރި އުސޫލުން ހިންގާ ލޮޖިސްޓިކްސް ކުންފުނި އުފެއްދުމުގެ ނިންމުން އަވަހަށް ބަދަލުކުރުމަށް ގޮވާލައްވާފަ އެވެ.