އަމީން މިއާގެ މަރު: ބިދޭސީ މީހާގެ ބަންދު އިތުރުކޮށްފި
އަވަސް
8 ފެބްރުއަރީ 2026 | އާދިއްތަ | 12:40
ތިލަފުށި ވެމްކޯ ސައިޓުގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝްގެ އަމީން މިއާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ސްރީލަންކާގެ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަ (32އ) އެވެ. ހެޝަން މަދުރަންގަ އަކީ އަމީން މިއާގެ ގައިގައި ޖެހުނު އެކްސްކަވޭޓަރު ދުއްވި މީހާ ކަމަށް ފުލުހުން ވަނީ ކޯޓުގައި ބުނެފަ އެވެ. މި މައްސަލައގައި ހެޝަންގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަ ދިން ހަތް ދުވަހުގެ މުއްދަތު ހަމަވާތީ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.
ކޯޓު އަމުރުގައި ބުނީ ހެއްކެއްގެ ބަޔާނަށް ބަލާއިރު އޭނާ ފިލައިގެންދާން އުޅޭ ކަމަށް ބެލެވޭ ކަމަށެވެ. މީގެ އިތުރުން ހެޝަން މަސައްކަތް ކުރަމުން ދަނީ ގަވާއިދާ ހިލާފަށް ކަމަށް އައިއޯ ފާހަގަކޮށްފައިވާ ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެ އެވެ. މި މައްސަލައިގައި ފުލުހުން ވަނީ ހާދިސާގެ ރިޕޯޓާއި ސީސީޓީވީ ސްނެޕްޝޮޓް ހުށަހަޅާފައިވެ އެވެ. އަމީން މިއާ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކުރުމުން އޭނާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް މަރުވެފައި އޮއްވާ ފެނުނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.