ކަނޑު ހޯދަން އަވަށްޓެރިންނާ ތޮޅުމަކީ ނުރައްކަލެއް: ޔާމީން

އަވަސް

9 ފެބްރުއަރީ 2026 | ހޯމަ | 9:46

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުވާލީ ބައި ހޯދުމަށް ކަމަށް ބުނެ އަވަށްޓެރިންނާ ތޮޅުމަކީ ނުރައްކަލެއް ކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު އިއްވެވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދާ ގުޅޭ ގާނޫނުގައި ރާއްޖޭގެ އާކިޕެލިޖިކް ބޭސްލައިންތައް ކަނޑައަޅާފައިވާ ގޮތުން އަދިވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ދޫކޮށްލި ކަނޑުގެ ސަރަހައްދު ކަމަށެވެ. ރައީސް މުއިއްޒު އެގޮތަށް ނިންމެވުމާ ގުޅިގެން ހަމަ އެ ދުވަހު ދިވެހި އަސްކަރިއްޔާ ވަނީ މަނަވަރަކާ އެކު ރާއްޖޭގެ ދެކުނުގެ ހާއްސަ އިގްތިސާދީ ސަރަހައްދު ބަލަހައްޓަން ސަވައިލަންސް އޮޕަރޭޝަނެއް ފަށާފަ އެވެ. ރައީސް ޔާމީންގެ ޕާޓީ -- ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ރޭ ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކަނޑުގެ ސަރަހައްދު ހޯދަން ކަމަށް ބުނެ ހަނގުރާމައަކަށް ދާނަމަ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ފާސްކުރަންޖެހޭނެ ކަމަށެވެ. ރައްޔިތުންނަށް ކަމުގެ ހަގީގަތް ސާފުވާނީ އޭރުން ކަމަށްވެސް ވިދާޅުވި އެވެ. "މިއީ ނުރައްކާތެރި ކަމެއް. މިއީ ރައްޔިތުންނަށް އުފުލަން އުނދަގޫވާ ވަރުގެ ކަމެއް،" ޔާމީން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމުގެ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން މޮރިޝަސް ސަރުކާރަށް ފޮނުއްވި ސިޓީ އަނބުރާ ގެނައުމުގެ ގޮތުން ސިޓީއެއް ފޮނުއްވުމަށް ސޮއި ކުރެއްވި ވާހަކަ ވިދާޅުވުމަށްވެސް ރައީސް މުއިއްޒުގެ ސަރުކާރުން ދެ އަހަރު ނެގި ކަމަށެވެ. ރައީސް މުއިއްޒުގެ ސަރުކާރުން ކަނޑުގެ ސަރަހައްދު ހޯދުމަށް ފާއިތުވި ދެ އަހަރު އެއްވެސް މަސައްކަތެއް ކޮށްފައި ނެތް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ. މަސައްކަތެއް ކުރެވުނު ނަމަ ދެ އަހަރު ވެގެންދިޔައިރު އިޓްލޮސްއަށް މައްސަލައެއް ހުށަހެޅިފައި އޮންނަން ވާނެ ކަމަށްވެސް ވިދާލުވި އެވެ. ރައީސް ޔާމީން އިތުރަށް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހޯދުމަށް ކަމަށް ބުނެ ރައީސް މުއިއްޒުގެ ސަރުކާރުން މިދުވަސްވަރު ވާހަކަދައްކަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ވޯޓު ހޯދުމަށް "ދޮންކުރަން" ވެގެން ކަމަށެވެ.

މައުޟޫޢުތަށް