ރައީސް މުއިއްޒު ޖަރުމަނަށް ފުރާވަޑައިގެންފި

އަވަސް

9 ފެބްރުއަރީ 2026 | ހޯމަ | 10:28

ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓާ ސްޓައިންމަޔާގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޖަރުމަނަށް ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ދަތުރުފުޅުގައި ރައީސް މުއިއްޒު، ޖަރުމަނުވިލާތުގެ ރައީސް ސްޓައިންމަޔާގެ އިތުރުން ޖަރުމަނު ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާ މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށް ގެންދާނެ އެވެ. މި ބައްދަލުވުންތަކުގައި ދިވެހިރާއްޖެއާއި ޖަރުމަނުލިވާތުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި ރައީސްގެ މިދަތުރުފުޅަކީ ދެ ގައުމުގެ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވުމަށް އެޅޭ ބާރަކަށް ވެގެންދާނެ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ. ރައީސްގެ މިދަތުރުފުޅުގެ ބައެއްގެ ގޮތުގައި ހިމެނިގެން ބާލިންގައި ހުންނަ ހަމްބޮލްޓް ޔުނިވާސިޓީއަށް ވަޑައިގެން "މޫސުމީ ބަދަލަށް ހޭނުމުގައި ދިވެހިރާއްޖޭގެ ތަޖުރިބާ" ހިއްސާކުރައްވާ އެ ޔުނިވާސިޓީގައި ތަގުރީރުކުރައްވާނެ އެވެ. މި ދަތުރުފުޅުގައި ޖާމަން ކައުންސިލް ފޮ ފޮރިން ރިލޭޝަންސަށްވެސް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތް ކުރައްވާ ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން ދިވެހިރާއްޖޭގެ ބައެއް ވިޔަފާރިވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ޖަރުމަނުވިލާތުގައި ބިޒްނަސް ފޯރަމެއް ބޭއްވުމަށްވެސް ހަމަޖެހިފައިވެ އެވެ. މި ބިޒްނަސް ފޯރަމުގައި ދެ ގައުމުގެ ވިޔަފާރިވެރިން ބައިވެރިވެ، ދިވެހިރާއްޖޭގައި ވިޔަފާރިއާއި އިންވެސްޓްމަންޓްތަކަށް ހުރި ފުރުސަތުތަކުގެ ތަފްސީލް މައުލޫމާތު ހޯދާނެ އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މި ދަތުރުފުޅު މި ދިމާވަނީ ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތާއެވެ. ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރީ ޖުލައި 5 1966 ގައެވެ.

މައުޟޫޢުތަށް