ދެ އިންތިހާބު އެއްކޮށް ބާއްވަން ކޮމިޓީން ފާސްކޮށްފި
އަވަސް
9 ފެބްރުއަރީ 2026 | ހޯމަ | 12:35
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް މި އިސްލާހުތައް ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް އެވެ. ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރު 1 ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ކަމަށާއި އެ މުއްދަތު ހަމަވުމުން މަޖިލިސް އުވުނީ ކަމަށްވެސް އިސްލާހުގައިވެ އެވެ. އިސްލާހުގައިވާ ގޮތުން ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވެގެން މަޖިލިސް އުވުމާއެކު އަލަށް އިންތިހާބުކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާނީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު އެވެ. މި ގާނޫނަށް އަމަލުކުރަން ފަށާއިރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ޑިސެމްބަރު 1، 2028 އަށް ހަަމަވާނެ ކަމަށްވެސް އިސްލާހުގައިވެ އެވެ. އިސްލާހާ ގުޅިގެން މަޖިލީހުގެ މެންބަރުން ހޮވުމަށްޓަކައި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ދެން އެންމެ އަވަހަށް ބާއްވަންޖެހޭ އިންތިހާބު ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބާއްވައި އެ މަގާމުތަކަށް މީހުން އިންތިހާބުކުރުމާ ގުޅޭ ގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ޑިސެމްބަރު 1، 2028 ގެ ކުރިންކޮށް ނިންމައި އެ ތާރީހުގައި އަލަށް އިންތިހާބުކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަންވާނެ ކަމަށްވެސް އިސްލާހުގައިވެ އެވެ. މި އިސްލާހު ކޮމިޓީން ފާސްކޮށްފައިވާއިރު ދެ އިންތިހާބު އެއްކޮށްލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ފެންނަ ނުފެންނަ ވޯޓު ކައުންސިލް އިންތިހާބު އޮންނަ ދުވަހު ބޭއްވުމަށް ތާއީދުކުރައްވާ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވަނީ ވިދާޅުވެފަ އެވެ.