މެރިން އެކްސްޕޯގެ އޮފިޝަލް އިންޝުއަރަންސް ޕާޓްނަރެއްގެ ގޮތުގައި އެލައިޑް އިންޝުއަރަންސް
އަވަސް
9 ފެބްރުއަރީ 2026 | ހޯމަ | 7:19
މޯލްޑިވްސް މެރިން އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރަންސް ޕާޓްނަރެއްގެ ގޮތުން އެލައިޑް އިންޝުއަރަންސްއިން ބައިވެރިވެ، މެރިން އިންޑަސްޓްރީއަށް ހާއްސަކޮށް، މެރިން ހަލް ޕްރޮމޯޝަނަކާއި މިދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ހިއްސާކޮށްފި އެވެ.
2014 ވަނަ އަހަރުން ފެށިގެން އެލައިޑުން އަންނަނީ މެރިން އެކްސްޕޯގައި ބައިވެރިވަމުންނެވެ. އެލައިޑުން ބުނީ މި އެކްސްޕޯގައި ބައިވެރިވުމުގެ މައިގަނޑު މަގުސަދަކީ ޑައިވް ސްކޫލްތަކާއި، ވޯޓާ ސްޕޯޓްސް ސެންޓަރުތަކާއި، އުޅަނދުފަހަރު ބަންނަ ފަރާތްތަކުގެ އިތުރުން މި ދާއިރާގެ އެކި ވިޔަފާރިތަކަށް ބޭނުންވާ އިންޝުއަރަންސް ޕްރޮޑަކްޓްތަކުގެ މައުލޫމާތު އެބޭފުޅުންނަށް ހިއްސާކޮށް، މިކަމުގެ މުހިންމުކަށް މި ފަރާތްތަކަށް އަންގައިދިނުން ކަމަށެވެ. މީގެ އިތުރުން އެލައިޑްގެ އިސްލާމިކް ވިންޑޯ، އެލައިޑް ތަކާފުލް ޕްލޭންތަކުގެ މަޢުލޫމާތުވެސް މިއެކްސްޕޯގައި އެލައިޑުން ވަނީ ފޯރުކޮށްދީފަ އެވެ.
މެރިން އެކްސްޕޯއާ ދިމާކޮށް އެލައިޑުން ވަނީ މެރިން ހަލް އިންޝުއަރަންސް ނުވަތަ މެރިން ހަލް ތަކާފުލް އަލަށް ނަގާ ފަރާތްތަކަށް އަމާޒުކޮށްގެން ހާއްސަ ޕްރޮމޯޝަނެއްވެސް ހިންގާފަ އެވެ. ޕްރޮމޯޝަނުގެ ދަށުން ގުރުއަތުން ހޮވުނު ތިން ފަރާތަކަށް، 8,000 ރުފިޔާގެ ޑިސްކައުންޓް ވައުޗާ ވަނީ ހަވާލުކޮށްފަ އެވެ. މެރިން އެކްސްޕޯއާއި ކުރިއަށްދިޔަ މި ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވާފައިވަނީ، އެކްސްޕޯ ނިންމުމަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުނު ރަސްމިއްޔާތުގަ އެވެ.