އޮފިޝަލުންނަށް ރިފެރެންޑަމް ތަމްރީން ދޭން ފަށައިފި: މީކާއީލް
އަވަސް
10 ފެބްރުއަރީ 2026 | އަންގާރަ | 10:38
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އޮފިޝަލުންނަށް ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް އާންމު ހިޔާލު ހޯދުމުގެ ވޯޓުގެ ތަމްރީން ދެމުންދާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ދެ އިންތިހާބު އެކުގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހުގެ ކޮމިޓީ ރިޕޯޓަށް ބަހުސް ކުރައްވަމުން މީކާއީލް ވިދާޅުވީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ނަމުގައި އުޅެނީ ހީލަތްތެރިކަމާއެކު ރައްޔިތުންނަށް ނޭނގި 2028 ވަނަ އަހަރުގެ އިންތިހާބު ވަގަށް ނެގުމަށް ކަމަށެވެ. ޕީއެންސީން ގާނޫނުއަސާސީއަށް އިސްލާހުތައް ހުށަހަޅަނީ މަޖިލިސް ޗުއްޓީގައި އޮންނަ ދުވަސްވަރު ކަމަށާއި އެކަން އެ ޕާޓީން ސާފުކޮށްދޭން ޖެހޭ ކަމަށްވެސް މީކާއީލް ވިދާޅުވި އެވެ. "މި ބިލް ރައްޔިތުންގެ މަޖިލީހަށް ލިބުމުގެ މާކުރިޔާލާ ލޯކަލް ކައުންސިލް އިންތިހާބަށް ޓްރެއިން ކުރަމުންދިޔަ އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންނަށް ރިފެރެންޑަމް ޓްރެއިނިން ދޭން ފައްޓަވައިފި،" މީކާއީލް ވިދާޅުވި އެވެ. މީކާއީލް ވިދާޅުވީ ކޮމިޓީގައި ފަސް ބައްދަލުވުން ނުވަތަ ހަ ބައްދަލުވުން ބޭއްވި ކަމަށް ވިދާޅުވި ނަމަވެސް ފެންނަނީ ފަސް މިނެޓް ތެރޭގައި ގާނޫނުއަސާސީ "އޮޅާލާ" މަންޒަަރު ކަމަށެވެ.