ދެ އިންތިހާބު އެއްކޮށްލަނީ ދެވަނަ ދައުރު "ވަލު ދޮރާށިން" ހޯދަން: ފައްޔާޒް
އަވަސް
10 ފެބްރުއަރީ 2026 | އަންގާރަ | 11:36
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކުގައި ބާއްވަނީ ދެވަނަ ދައުރު "ވަލު ދޮރާށިން" ހޯދުމަށް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރުމުން ފައްޔާޒް ވިދާޅުވީ ގާނޫނުއަސާސީއަށް ސަރުކާރުން ބަދަލު ގެންނަން ހުށަހަޅަނީ ހަރަދު ކުޑަކުރުމަކަށް ނޫން ކަމަށާއި މިއީ ރައްޔިތުންގެ މެދުގައި ސަރުކާރަށް ތާއިދު ނެތުމުން ދެވަނަ ދައުރެއް "ވަލު ދޮރާށިން" ހޯދުމަށް ގެންނަ ބަދަލެއް ކަމަށެވެ. ފައްޔާޒް ވިދާޅުވީ މިވަގުތު ރާއްޖޭގައި އޮތް ނިޒާމުން ޑިމޮކްރަޓިކް ހަރަކާތުގެ އުންމީދުތައް ފުރިހަމައަަށް ހާސިލުނުކޮށްދެވޭ ކަމަށާއި އަނިޔާވެރި ވެރިންގެ ކިބައިން ރައްޔިތުންނަށް ހިމާޔަތް ހޯދައިނުދެވޭއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިގެން މި ގެންނަ ބަދަލުތަކަކީ ހުދުމުހުތާރު ވެރިން ބާރުގައި ތިބުމަށް އިތުރަށް ފަހިކޮށްދޭ ބަދަލުތަކެއް ކަމަށެވެ. "ބޭނުންވަނީ ވެރިކަންކުރާ ޕާޓީގެ ބާރުތައް ވަރުގަދަކުރުމަށް ފަރުމާކޮށްފައިވާ ބަދަލުތަކެއް ނޫން. އޭގެ ބަދަލުގައި ސަރުކާރާއި އަދި މުޅި ދައުލަތް ޒިންމާދާރުކުރުވުމަށް ރައްޔިތުންނަށް ލިބިދޭ ބާރުތައް މިހާރަށްވުރެ އިތުރަށް ވަރުގަދަކޮށް ހަރުދަނާ ކުރަން ޖެހޭ،" ފައްޔާޒު ވިދާޅުވި އެވެ. ފައްޔާޒު ވިދާޅުވީ ސަރުކާރުގެ މި ހީލަތްތެރި ރޭވުމަށް ރައްޔިތުން ނޫނެކޭ ބުނަން ޖެހޭ ކަމަށާއި ރިޔާސީ ދައުރު ދަންމާލުމުގެ ފުރުސަތު މި ހުދުމުހުތާރު ސަރުކާރަށް ދީގެން ނުވާނެ ކަމަށެވެ. އަދި މަސައްކަތް ކުރާނީ ބާރުތައް ރައްޔިތުންނާ ގާތަށް ގެނެސްދޭނެ ފުރިހަމަ އިސްލާހުތަކަކަށް ކަމަށް ވިދާޅުވި އެވެ.