ޕެންޝަން އޮފީހުގެ މެންބަރު ކަމަށް ހުޅުވާލައިފި

އަވަސް

10 ފެބްރުއަރީ 2026 | އަންގާރަ | 2:14

ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓާ ތަމްސީލުކުރައްވާ ހަތަރު މެންބަރުންގެ ތެރެއިން އެއް މަގާމު ހުސްވެފައިވާތީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޕެންޝަން އޮފީހުން ބުނީ ބޯޑު މެންބަރުން ހޮވުމުގެ ކަންކަން ކުރިއަށްގެން ދިއުމަށް ގާނޫނުގައިވާ ގޮތުގެ މަތީން އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީން މި މަގާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ތިން ނަން ޝޯޓްލިސްޓްކޮށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން އެ ފަރާތްތަކުގެ ޝަރުތު ހަމަވާކަން ޔަގީންކުރެވޭނެ ކަމަށެވެ. ޕެންޝަން އޮފީހުގެ ބޯޑަށް މެންބަރުން އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިިއްޔާ އެވެ.

މީގެ އިތުރުން ޕެންޝަނާބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަމަށް ރިއާޔަތް ކުރެވޭނެ ކަމަށްވެސް ޕެންޝަން އޮފީހުން ބުނެފައިވެ އެވެ. މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 24 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހެ އެވެ. ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމުން އަހުމަދު އިނާޒު މިމަހުގެ އެއްވަނަ ދުވަހު އިސްތިއުފާ ދެއްވާފައިވާއިރު ސީއީއޯގެ މަގާމުން ސުޖާތާ ހަލީމުވެސް ވަނީ މި ފަހުން އިސްތިއުފާ ދެއްވާފަ އެވެ.

މައުޟޫޢުތަށް