ރިފްއަތުއާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
އަވަސް
10 ފެބްރުއަރީ 2026 | އަންގާރަ | 2:29
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް އައްޔަންކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މ. ވޭވަށް، ކިނާރާ، ރިފްއަތު އަބްދުﷲ އާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހުޅުވާލައިފި އެވެ.
އީސީގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން ޑރ. މުހައްމަދު ޒާހިރުގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ އެ ކޮމިޝަންގެ މެންބަރު ކަމަށް ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހު އެވެ. ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ އީސީގެ މެންބަރު ކަމަށް ހުޅުވާލުމުން އެކަމަށް އިޖާބަ ދެއްވި ބޭފުޅުންގެ ތެރެއިން ރިފްއަތު އަބްދުﷲ ގެ ނަން ހުށަހަޅުއްވާ ދިރާސާކޮށް ގޮތެއް ނިންމެވުމަށް އެދިވަޑައިގެންފަ އެވެ. ރައީސްގެ ސިޓީގައި ވަނީ އީސީގެ މެންބަރު ކަމަށް ހުޅުވާލުމުން އެކަމަށް އިޖާބަ ދެއްވި އެހެން ބޭފުޅުންގެ ނަންވެސް ހިމަނުއްވާފަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިފްއަތުގެ ނަން ދިރާސާކުރުމުގެ މައްސަލަ ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވާފަ އެވެ. ރިފްއަތު އަބްދުﷲ އާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ހުޅުވާލާފަ އެވެ.