ފްލެޓްތަކުގެ ތިރިއަށް ކުނި އަޅާ މީހުން ޖޫރިމަނާ ކުރަން ފަށައިފި

އަވަސް

10 ފެބްރުއަރީ 2026 | އަންގާރަ | 7:11

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 4،000 ފްލެޓްތަކުގައި އުސޫލާއި ހިލާފަށް ކުނި އަޅާ މީހުން ޖޫރިމަނާ ކުރަން ފަށައިފި އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނީ 4،000 ފްލެޓްގެ އާންމު ސަރަހައްދުތަކާއި އިމާރާތްތަކުގެ ގްރައުންޑް ފްލޯ ހިމެނޭހެން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ބައެއް މީހުން ކުނި އުކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މި ގޮތަށް އުސޫލުން ބޭރުން ކުނި ޖަމާކުރުމުގެ ސަބަބުން ޓަވަރުތަކުގައި ދިރިއުޅޭ މީހުންނަށް ދަތިތަކާ ކުރިމަތިވެ އާންމު ސިއްހަތާއި ސަލާމަތަށް ނުރައްކާވާ ފަދަ ހާލަތްތައް މެދުވެރިވަމުންދާ ކަމުގެ ޝަކުވާ ލިބޭ ކަމަށްވެސް އެފްޑީސީ އިން ވަނީ ބުނެފަ އެވެ. އެފްޑީސީ އިން ބުނީ އިމާރާތްތަކުގެ ކޮރިޑޯތަކާއި ހިނގާ މަގުތަކުގެ އިތުރުން ޓަވަރުތަކުގެ ބޭރުގ ސަރަހައްދުތަކަށް ކުނި އެޅުމާއި ކުނި ޖަމާކުރުމަކީ މަނާ ކަމެއް ކަމަށެވެ. "ގޭބީސީތަކުން އުފެދޭ ކުނި އުކާލަންވާނީ ހަމައެކަނި ގްރައުންޑް ފްލޯގައި ހުންނަ ގާބޭޖް ރޫމްތަކުގައި އެކަމަށް ހާއްސަކޮށްފައިވާ ކުނިވަށިތަކަށް. ޔުނިޓްތަކަށް އަލަށް ބަދަލުވާއިރު އުފެދޭ ފޮށިގަނޑާއި ފުޅިމަދު އަދި އެނޫންވެސް ތަކެތި އުސޫލުތަކާ އެއްގޮތަށް އުކާލުމަކީ އެ ޔުނިޓެއްގެ ވެރިފަރާތުގެ ޒިންމާއެއް،" އެފްޑީސީ އިން ބުނެފައިވެ އެވެ. ކުނި އުކާލުމުގައި އުސޫލުތކަށް އަމަލުކުރުމަށް ނަސޭހަތްތެރިވެ އެފްޑީސީ އިން ބުނީ ގަވާއިދާ ހިލާފަށް ކުނި އުކާނަމަ އެ ކޯޕަރޭޝަން ކަނޑައަޅާ އުސޫލެއްގެ ދަށުން ޖޫރިމަނާ ކުރަމުންދާނެ ކަމަށާއި އެގޮތުން ބައެއް މީހުން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

މައުޟޫޢުތަށް