މޯލްޑިވްސް-ޖާމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް ބައިވެރިވެވަޑައިގެންފި
އަވަސް
10 ފެބްރުއަރީ 2026 | އަންގާރަ | 7:25
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޖަރުމަނުވިލާތަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ހިމެނިގެން ބާލިންގައި ކުރިއަށްގެންދިޔަ މޯލްޑިވްސް-ޖާމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ބައިވެރިވެވަޑައިގެންފި އެވެ.
ހަރަކާތް ކުރިއަށްގެންދިޔަ މަރުކަޒުން ރައީސަށް މަރުހަބާ ވިދާޅުވީ، ޖާމަން ޗެމްބާ އޮފް އިންޑަސްޓްރީ އެންޑް ކޮމާސް (ޑީއައިއެޗްކޭ) ގެ ބޯޑު މެންބަރު އަދި ހެޑް އޮފް ފޮރިން ޓްރޭޑް، ޑރ. ވޮލްކާ ޓްރައިއާ އާއި ޑާމަލޮގް އައިޑެންޓިފިކޭޝަން ސިސްޓަމްސް ޖީއެމްބީއެޗް ގެ ސީއީއޯ ގުންތާ މުލް އެވެ. ބިޒްނަސް ރައުންޑްޓޭބަލްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެބައެއްގެ މަސައްކަތްތަކުގެ ސަބަބުން ދުނިޔޭގެ ވިޔަފާރީގެ މައިދާން ބައްޓަންކޮށް، ދެމެހެއްޓެނިވި އަގުތައް އުފެއްދުމަށް އެހީތެރިވެދިން ޖަރުމަނުވިލާތުގެ ވިޔަފާރި ލީޑަރުންނާ ބައްދަލުކުރެއްވުމަކީ ލިބިވަޑައިގަންނަވާ އުފާފުޅެއްކަމުގައި ވިދާޅުވި އެވެ. ރާއްޖެއިން 2040 ވަނަ އަހަރަށް ކުރާ ތަސައްވުރަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ އެ ތަސައްވުރަކީ، ދިވެހި އިގުތިސާދު ހަރުދަނާކޮށް މުއައްސަސާތައް ޒަމާނީ ކުރުމަށާއި ގައުމީ ތަރައްގީއަކީ ތިމާވެށި ހިމާޔަތްކޮށްދީ ރައްޔިތުންގެ ދުވަހީ ދިރިއުޅުމަށް ކުރިއެރުން ގެނުވާ ކަމެއް ކަމުގައި ކަށަވަރުކޮށްދިނުމަށް ކަނޑައަޅާފައިވާ އަޒުމެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އެގޮތުން މާލީ ނިޒާމުތައް ޒަމާނީކުރުމާއި ބޭރު ފައިސާ މާރުކުރުމަށް ހުރި މަގުތައް އިތުރަށް ފަހިކުރުމާއި އާންމު ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަކީ އެ ތަސައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކެއް ކަމުގައި ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން ރައީސް ވަނީ ރާއްޖޭގެ ރަސްމީ ރިޒާވް ރެކޯޑު މިންވަރަކަށް މަތިކުރެވި، ބޭރުފައިސާ ދައުރުވާ މިންވަރު އިތުރުކުރެވިފައިވާކަން ފާހަގަކުރައްވާފަ އެވެ. އަދި ބަޖެޓުގެ ޑެފިސިޓް ކުޑަކުރުމުގައި ގެނެވިފައިވާ ކުރިއެރުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ރައީސް މުއިއްޒު ވަނީ މާލީ އަޚުލާޤު ދެމެހެއްޓުމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތެއްކަމުގައި ވިދާޅުވެފައެވެ. ހަކަތައިގެ ރައްކާތެރިކަމާއި، ހަކަތައިގެ އަގުތަކަކީ، ރާއްޖެއަށް ހައްސާސް ގޮންޖެހުމެއްކަން ފާހަގަކުރައްވާ ރައީސް ވަނީ އެނާޖީ ޓްރާންސިޝަންގެ ދާއިރާއަކީވެސް އުފެއްދުންތެރިކަން ބޭނުންވާ ދާއިރާއެއްކަން ފާހަގަކުރައްވާފަ އެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރެވޭ އިތުބާރު އިތުރުކުރުމުގައި ޖަރުމަނުވިލާތުގެ ވުނޭރުންނާއި، ޓުއާ އޮޕަރޭޓަރުންނާއި މާލީ މުއައްސަސާތަކުން އަދާކޮށްފައިވާ ފާހަގަކޮށްލެވޭ ދައުރުގެ މައްޗަށްވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ. އަދި 2027 ވަނަ އަހަރަކީ "ވިޒިޓް މޯލްޑިވްސް އިއާ" ކަމުގައި ކަނޑައަޅުއްވާފައިވާކަމަށް ވިދާޅުވެ މި ހަރަކާތުގައި ބައިވެރިވުމަށް، ޖަރުމަނުވިލާތުގެ ވުނޭރުންނަށް އެމަނިކުފާނު ވަނީ ދަޢުވަތު އަރުވާފަ އެވެ. . ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، މާލީ ދާއިރާގައި ހުރި ވުނަކުރުމުގެ ފުރުޞަތުތަކަށްވެސް ބައްލަވާލައްވާފައެވެ.