ދެ އިންތިހާބު އެއްކޮށްލުމަކީ ބަޣާވާތެއް: ޝާހިދު

އަވަސް

10 ފެބްރުއަރީ 2026 | އަންގާރަ | 8:01

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ބަޣާވާތެއް ކަމުގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައިވާއިރު ޝާހިދު ވިދާޅުވީ މިއީ ވެރިކަމުގެ ބާރު ދާއިމީކުރުމަށް އަޅުއްވާ ފިޔަވަޅެއް ކަމަށް ވިދާޅުވެފަ އެވެ. "ރައީސް މުއިއްޒު ގާނޫނީ ހެދުން އަޅުވައިގެން ގާނޫނުއަސާސީ ކަތިލުމަށް މި ކުރައްވާ ކަމަކީ ވެރިކަމުގެ ބާރު ދާއިމީ ކުރުމަށް ދައުރު ދިގު ދައްމާލުމަށް އަޅުއްވާ ފުރަތަމަ ފިޔަވަޅު. މި ފިޔަވަޅު ނިމޭ ހިސާބަކީ ދިގުދެމިގެންދާ ޚުދުމުޚުތާރު އަނިޔާވެރި ބިރުވެރި ވެރިކަމެއް ފެށޭ ހިސާބު،" ޝާހިދު ވިދާޅުވި އެވެ. ވަކިވަކިން ބާއްވާ ދެ އިންތިހާބަކީ ރައްޔިތުންނަށް ދެ ފަހަރު މަތިން ސަރުކާރު ޖަވާބުދާރީ ކުރުމަށް ލިބޭ ފުރުސަތެއް ކަމަށާއި ރައްޔިތުން އަތުން ބާރުތައް ފޭރިގަނެ، ވޯޓުން ވެރިކަން ބަދަލު ކުރެވޭނެ މަގު ހަނިކޮށް، ޤާނޫނުއަސާސީ އެންމެ މީހެއްގެ ވެރިކަން ދެމެހެއްޓުމަށް ބައްޓަން ކުރުމަކީ އިސްލާޙެއް ނޫން ކަމަށާއި މިއީ ބަޣާވާތެއް ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ. "ރައީސް މުއިއްޒު ރައްޔިތުން ދެކެ، ވޯޓު ފޮށި ދެކެ މި ގަންނަނީ އަމަށަކު ބިރެއް ނޫން. ވަކިވަކިން ބާއްވާ ދެ އިންތިޚާބަކީ ރައްޔިތުންނަށް ދެ ފަހަރު މަތިން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ލިބޭ ފުރުޞަތެއް. ރައްޔިތުން އަތުން ބާރުތައް ފޭރިގަނެ، ވޯޓުން ވެރިކަން ބަދަލު ކުރެވޭނެ މަގު ހަނިކޮށް، ޤާނޫނު އަސާސީ އެންމެ މީހެއްގެ ވެރިކަން ދެމެހެއްޓުމަށް ބައްޓަން ކުރުމަކީ އިސްލާޙެއް ނޫން. މިއީ ބަޣާވާތެއް. މަޖިލީހުގެ ތެރެއިން ރައްޔިތުންގެ ވެރިކަމަށް ފުރުޞަތު ނުދީ، މުއިއްޒު ވެރިކަމުގައި ދާއިމީކޮށް ބެހެއްޓުމަށް ހިންގާ ބަޣާވާތެއް،" ޝާހިދު ވިދާޅުވި އެވެ. ޝާހިދު ވިދާޅުވީ ގާނޫނާއި ގާނޫނުއަސާސީ ފުނޑުފުނޑު ކޮށްލައިގެން ވެރިކަމުގައި ތާއަބަދު ހުންނެވޭނެ ކަމަށް ގަބޫލުކުރުމަކީ ގޯހެއް ކަމަށާއި ދިވެހިން އެކަމާއި ދެކޮޅަށް ނުކުންނާނެ ކަމަށެވެ.

މައުޟޫޢުތަށް