ރަސްމީ ޖާފަތުގައި ރައީސް ބައިވެރިވެ ވަޑައިގެންފި
އަވަސް
11 ފެބްރުއަރީ 2026 | ބުދަ | 7:50
ރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމަށް ޖަރުމަނުވިލާތުގެ ބާލިންގައި ބޭއްވި ރަސްމީ ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެ ވަޑައިގެންފި އެވެ.
ރައީސްގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާއި، ޖަރުމަނުވިލާތުގެ ސަރުކާރުގެ އިސްވެރިންނާއި، ބާލިންގައި ތިއްބަވާ ޚާރިޖީ މަންދޫބުން މި ޖާފަތުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި ޖަރުމަނުވިލާތުގައި ދިރިއުޅޭ ބައެއް ދިވެހީންވެސް މި ޖާފަތުގައި ބައިވެރިވެފައިވެ އެވެ. މި ޖާފަތުގައި ގުރުއަތުލުމެއް ބާއްވައި، މި ގުރުއަތުން ހޮވުނު ނަސީބުވެރިންނަށް އިނާމެއްގެ ގޮތުގައި ރާއްޖޭގެ ބައެއް ރިސޯޓު ތަކުގައާއި އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދީފައިވެ އެވެ. ރައީސް މުއިއްޒު ޖަރުމަނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެގައުމުގެ ރައީސް ފްރޭންކް-ވޯލްޓާ ޝްޓައިންމަޔާގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި މިހާރު ވަނީ ޖަރުމަނާއެކު ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވާފަ އެވެ. މީގެ އިތުރުން މޯލްޑިވްސް-ޖާމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެ ވަޑައިގެންފައިވެ އެވެ. ރައީސް މުއިއްޒުގެ މމި ދަތުރުފުޅު ދިމާވަނީ ރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ އެވެ. ރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރީ ޖުލައި 5، 1966 ގަ އެވެ.