ޖަރުމަނުގައި ދިރިއުޅޭ ދިވެހިންނާ ރައީސް ބައްދަލުކުރައްވައިފި
އަވަސް
11 ފެބްރުއަރީ 2026 | ބުދަ | 7:57
ޖަރުމަނުގައި ދިރިއުޅޭ ދިވެހިންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައިފި އެވެ.
ރައީސް މުއިއްޒު ޖަރުމަނުވިލާތަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ބޭރު ގައުމުތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި އެ ގައުމުތަކުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުމަކީ ހާއްސަ އިސްކަމެއް ދެއްވާ ކަމެއްކަން ފާހަގަކުރެއްވި އެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވި ދިވެހި ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާއާއެކު ވަކިން ބައްދަލުކޮށް، އެ ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ފުރުސަތު ދެއްވާފައިވެ އެވެ. ރައީސް މުއިއްޒު ޖަރުމަނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަނީ ދެ ގައުމުގެ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމަށް ޖަރުމަނުވިލާތުގެ ބާލިންގައި ބޭއްވި ރަސްމީ ޖާފަތުގައި ބައިވެރިވެ ވަޑައިގެންފަ އެވެ. ރައީސްގެ މި ދަތުރުފުޅަކީ އެގައުމުގެ ރައީސް ފްރޭންކް-ވޯލްޓާ ޝްޓައިންމަޔާގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި މިހާރު ވަނީ ޖަރުމަނާއެކު ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވާފަ އެވެ. މީގެ އިތުރުން މޯލްޑިވްސް-ޖާމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެ ވަޑައިގެންފައިވެ އެވެ. ރައީސް މުއިއްޒުގެ މމި ދަތުރުފުޅު ދިމާވަނީ ރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ އެވެ. ރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރީ ޖުލައި 5، 1966 ގަ އެވެ.