ސްކޭމްގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދު އިތުރުކޮށްފި
އަވަސް
11 ފެބްރުއަރީ 2026 | ބުދަ | 10:15
ސްކޭމް ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޙަސަން އަޒުރާޙުގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
މި މައްސަލައިގެ ތުހުމަތުކުރެވޭ ހމ.ފްލެޓް ނަންބަރު 06-2-39 / މާލެ، ޙަސަން އަޒުރާޙު (39އ) 30 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފަ އެވެ. ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އިއްޔެ ކޯޓުގައި ބުނީ މި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި އޭނާ ބުނީ ވެރިފަރާތުން ބުނެގެން އޭނާގެ ކާޑުން ފައިސާ ނަގައިދިނީ ކަމަށާއި އިތުރު ކަމެއް ނުކުރާ ކަމަށެވެ. އޭނާއަކީ ގިނަ ބައެއްގެ ސޯޝަލް މީޑިއާ އެކައުންޓްތައް ހެކްކޮށް އެ މީހުންގެ ބޭންކް އެކައުންޓްތަކުން މަކަރާއި ހީލަތުް ފައިސާ ނަގާ މީހެއް ކަމަށާއި އޭނާއާ ގުޅޭ މި ބާވަތުގެ 27 މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ކޯޓުގައި ފާހަގަކޮށްފަ އެވެ. މީހެއްގެ ވައިބާ އެކައުންޓް ހެކްކޮށް، އެ މީހާގެ ނަމުގައި އެކި މީހުންނާ ވާހަކަ ދައްކައިގެން 150،000 އަށްވުރެ ގިނަ ރުފިޔާ ފޭރުނު މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައިވެސް އޭނާ ހިމެނެ އެވެ.