ރައީސް ޖާމަން ކައުންސިލް އޮން ފޮރިން ރިލޭޝަންސްއަށް ޒިޔާރަތްކުރައްވައިފި

އަވަސް

12 ފެބްރުއަރީ 2026 | ބުރާސްފަތި | 6:50

ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓާ ޝްޓައިންމަޔާގެ ދައުވަތަކަށް އެ ގައުމަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ހިމެނިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޖާމަން ކައުންސިލް އޮން ފޮރިން ރިލޭޝަންސް، ޑޮއިޝް ގެޒޭލްޝާފްޓް ފުއާ އައުސްވެއާޓީގަ ޕޮލިޓީކް (ޑީޖީއޭޕީ) އަށް ޒިޔާރަތްކުރައްވައިފި އެވެ.

ޑީޖީއޭޕީ އިން ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ވިދާޅުވީ އެ ކައުންސިލްގެ ނައިބު ރައީސް، ރޮލްފް ނިކެލް އާއި، ޑިރެކްޓާ ތޯމަސް ކްލައިން- ބްރޮކްހޯފް އާއި، އެ ކައުންސިލްގެ ސެންޓާ ފޯ ކްލައިމެޓް އެންޑް ފޮރިން ޕޮލިސީގެ ހެޑް އަދި ޑެޕިއުޓީ ރިސާޗް ޑިރެކްޓަރު ޑރ. ކިރާ ފިންކާ އެވެ. މި ޒިޔާރަތުގައި ރައީސް ވަނީ ކަނޑުތައް ބެލެހެއްޓުމާ ބެހޭގޮތުން ރާއްޖެއިން ގެންގުޅޭ ވިސްނުން ބަޔާންކޮށްދެއްވާ ހާރިޖީ ސިޔާސަތުގައި ކަނޑުތައް އަދާކުރާ ދައުރާ ބެހޭގޮތުން ތަގުރީރެއް ދެއްވާފަ އެވެ. މޫސުމީ ތަންޒީމާއި ހަޔަވީ ސިންދަފާތާއި ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ގާއިމު ކުރުމުގައި ކަނޑުތަކުން އަދާކުރާ ދައުރު ކިތަންމެ މުހިންމުކަމުގައިވާ ނަމަވެސް، އިސްތިރާޖީ އަދި ހާރިޖީ ފިކުރުގައި އެކަށީގެންވާ މިންވަރަކަށް ކަނޑުތައް ތަމްސީލުކުރެވިފައި ނުވާކަން ރައީސް ފާހަގަކުރެއްވި އެވެ. ރާއްޖެ އޮންނަނީ ދުނިޔޭގެ ވިޔަފާރީގެ މައި މަގުތަކެއް އަނގޮޅިވާ އިސްތިރާޖީ ގޮތުން ވާދަވެރިކަން ބޮޑު ސަރަޙައްދެއްގައި ކަމާއި މީގެ ސަބަބުން ހިންދު ކަނޑަކީ 21 ވަނަ ޤަރުނުގެ އެންމެ މުހިންމު އެއް ސަރަހައްދަށް ވެފައިވާކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް މުއިއްޒުގެ ތަގުރީގު ނިންމަވާލައްވާފައި ވަނީ ކަނޑުތަކުގެ މައްޗަށް ބިނާކުރެވޭ ހާރިޖީ ސިޔާސަތަކީ، ރާއްޖެއަށް ވުޖޫދީ އަދި ބައިނަލްއަޤުވާމީ މުޖުތަމައަށް އަސާސީ ކަމެއް ކަމަށް ވިދާޅުވަމުންނެވެ.

މައުޟޫޢުތަށް