ރައީސް ބާލިންގެ ހުމްބޯލްޑްޓް ޔުނިވާސިޓީއަށް ޒިޔާރަތްކުރައްވައިފި
އަވަސް
12 ފެބްރުއަރީ 2026 | ބުރާސްފަތި | 7:01
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޖަރުމަނުވިލާތަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ހިމެނިގެން ބާލިންގެ ހުމްބޯލްޑްޓް ޔުނިވާސިޓީއަށް ޒިޔާރަތްކުރައްވައިފި އެވެ.
އެ ޔުނިވަރސިޓީން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ ވައިސް ޕްރޮވުސްޓް، ޑރ. ޔޯއާން ވިލައިން އާއި އެ ޔުނިވާސިޓީގެ ހެޑް އޮފް ދަ ޑިވިޜަން އޮފް އެގްރިކަލްޗަރަލް އިކޮލޮޖީ، ޕްރޮފެސަރު ޑރ. މަސޭލް ރޯބީޝޮން އެވެ. ރައީސްގެ މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އެ ޔުނިވާސިޓީގައި ހާއްސަ ތަގުރީރެއް ކުރައްވާފައެވެ. ރައީސްގެ ތަގުރީރުގައި ކަންކަން ނިންމުމުގައި އެއްބަޔަކު އަނެއްބަޔަކަށް އެއްބާރުލުންދީ އިންސާފުވެރި ނަތީޖާއެއް ނެރުމަށް ގޮވާލެއްވިއެވެ. އަދި ރާއްޖެއަކީ ޖައްވަށް ވިހަގޭސް ބޭރުކުރާ މިންވަރު، ދުނިޔޭގެ ނިސްބަތުން މަދު ގައުމަކަށް ވީނަމަވެސް، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލާންޖެހޭ އެއް ގައުމަކީ ރާއްޖެކަން ފާހަގަކުރެއްވި އެވެ. ހަމަމިއާއެކު މޫސުމީ ސައެންސްގެ އިލްމުގެ އަލީގައި، ޤައުމީ ފެންވަރުގައި ރާވާ ރޭވުންތަކާއި ބަޖެޓު އެކުލަވާލުމުގައި މޫސުމީ ނުރައްކާތައް ހިމެނުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވި އެވެ. މޫސުމީ ނޭދެވޭ ބަދަލުތަކަށް ހޭނި އަހުލުވެރިކުރުވުމުގެ މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދުން އިތުރުކުރުމަށާއި ލޯކަލް ގަވަނަންސްގެ ގާބިލުކަން އިތުރުކޮށްގެން އެ މަސައްކަތްތަކަކީ މުޖުތަމައުގެ ބައިވެރިވުން ހިމެނޭ އަދި ރައްޔިތުން އިސްވެ ތިބެ ކުރިއަށްގެންދާ މަސައްކަތްތަކަކަށް ހެދުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ. މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކަށް އަހުލުވެރިވުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކުން މިހާތަނަށް ލިބުނު ފިލާވަޅުތަކުގެ މައްޗަށް ބައްލަވާލައްވާ ރައީސް ވަނީ މި މަސައްކަތް ލަސްކުރުމަކީ މުސްތަގުބަލުގައި ކުރަންޖެހޭ ހޭދަ އެތައް ގުނައަކަށް އިތުރުވެގެންދާނެކަމެއް ކަމަށް ވިދާޅުވެފަ އެވެ.