ހުއިފިލަނޑާގެ މައްސަލައިގައި ފުލުހަކު ސަސްޕެންޑް

އަވަސް

12 ފެބްރުއަރީ 2026 | ބުރާސްފަތި | 7:50

ކ. ތިލަފުށީގެ ގުދަނެއްގައި ހުރި ދެ މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކަކަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އެ މައްސަލައިގައި ހިމެނޭ ފުލުސް އޮފިސަރު ސަސްޕެންޑްކޮށްފި އެވެ.

ފުލުހުން ރޭ ބުނީ ހުއިފިލަނޑާތަކަކަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އެ މައްސަލައިގައި ހިމެނޭ ފުލުސް އޮފިސަރު އިންވެސްޓިގޭޝަން އޮފިސަރެއްގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައިވާ ކަމަށެވެ. އަދި އޮފިސަރުގެ އިދާރީ މައްސަލައެއް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ތަހުގީގު ކުރަމުންދާ ކަމަށެވެ. ތިލަފުށީގެ ގުދަނެއްގައި ބަހައްޓާފައި ހުރި ދެ މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކަކަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު އެވެ. މި މައްސަލައިގައި ތުހުމަތު ކުރަނީ ޑިސެމްބަރު 29 ވަނަ ދުވަހު ވެރިފަރާތަށް އޮޅުވާލައި މަކަރާއި ހީލަތުން އެ ތަކެތި އެހެން ތަނަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ މައްސަލައިގެ ތަހުގީގުން އެ ތަކެތި ތިލަފުށިން މާލެ ގެނެސް މާލެ ގެނެސް ދެ ގެއެއްގައި ރައްކާކުރިކަން އެނގުނު ކަމަށެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އެ ދެ ގެ ބަލައި ފާސްކުރުމަށްފަހު، އެ ހުއިފިލަނޑާތައް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ތަކެތީގެ ބަރުދަނުގައި ޖުމްލަ 1,438 ކިލޯ ހުރިއިރު، އޭގެ ތެރޭގައި ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުން މަނާ 787.35 ކިލޯގެ ހުއިފިލަނޑާ ހިމެނެ އެވެ. ފުލުހުން އިތުރަށް ބުނީ މި ވިޔަފާރި ކުރި ފަރާތްތަކަކީ ހުއިފިލަނޑާގެ މަސްވެރިކަން ރާވާ ހިންގާ ބެލެހެއްޓުމާބެހޭ ގަވާއިދުގެ ދަށުން ހުއިފިލަނޑާ ޕްރޮސެސް ކުރުމުގެ ހުއްދަ އޮތް ފަރާތްތަކެއް ނޫން ކަމަށެވެ.

މި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު، މައްސަލަ ހުށަހެޅި ފަރާތާއި ތުހުމަތުކުރެވޭ ފަރާތާ ސުވާލުކުރުމުން ދެ ފަރާތުންވެސް އެ ތަކެތީގެ މިލްކުވެރިކަމާ މެދު ދައުވާކޮށްފަ އެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ހުއިފިލަނޑާތައް ހަލާކުވާތީ ޕްރޮސިކިއުޓާ ޖެނެރަލްގެ ލަފާއަށް އެދުމުން ޕީޖީ އޮފީހުން ވަނީ ތަކެތި ހަވާލުކުރެވޭނީ އޭގެ ސައްހަ ވެރިފަރާތް ކަނޑައެޅިގެން އެނގޭނަމަ ކަމަށް ބުނެފަ އެވެ. މި މައްސަލައިގައި ވެރިފަރާތް ދެނެގަނެވިފައި ނުވާތީ މުދަލުގެ އަސްލު ގެއްލި ހަލާކުވެދާނެ ކަމަށް ފެންނަ ތަކެތި ވާދަވެރި ބާޒާރުގައި ނީލަން އުސޫލުން ވިއްކާލައި، އެއިން ލިބޭ ފައިސާ ތަހުގީގު ނުވަތަ ޝަރީއަތުގެ މަރުހަލާ ނިމެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ވަނީ ލަފާދެއްވާފަ އެވެ. އެއާއެކު އެތަކެތި ނީލަން ކިޔަން ފުލުހުން އިއުލާނުކުރި އެވެ.

މައުޟޫޢުތަށް