ކަމިންސް ކޭޓީއޭ 19 ސާވިސް ޓްރެއިނިންގެ ދެވަނަ ބެޗް ނިންމާލައިފި
އަވަސް
13 ފެބްރުއަރީ 2026 | ހުކުރު | 7:39
ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކަޑަމީގެ "ކަމިންސް ކޭޓީއޭ 19 ސާވިސް ޓްރެއިނިން" ގެ ދެވަނަ ބެޗްގެ ތަމްރީނުތައް ނިންމާލައިފި އެވެ.
މި ތަމްރީނުތައް ކުރިއަށް ގެންދިޔައީ މިމަހުގެ 4 ވަނަ ދުވަހުން 12 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ބެޗުގައި އަތޮޅުތެރޭގެ އިންޖީނުގެތަކުން 10 މުވައްޒަފަކު ވަނީ ބައިވެރިވެ ތަމްރީނު ފުރިހަމަކޮށްފަ އެވެ. މި ތަމްރީނު ޕްރޮގްރާމުގައި މަސައްކަތުގެ މާހައުލުގައި ހިފަހައްޓަންޖެހޭ ފަންނީ އަދި ސުލޫކީ މިންގަނޑުތަކަށް އަހުލުވެރިކުރުވުމާއި، ކަމިންސް ކޭޓީއޭ 19 އިންޖީނާއި ގުޅުންހުރި ފަންނީ މަޢުލޫމާތާއި ޢަމަލީ ތަމްރީނުގެ އިތުރުން، ފަސްޓް އެއިޑާއި، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާއި އަލިފާން ނިއްވުމުގެ ގަވާއިދުތަކަށް ވަނީ އަލިއަޅުވާލާފަ އެވެ.
ތަމްރީން ޕްރޮގްރާމާއި ގުޅޭ ގޮތުން ސްޓެލްކޯ ހިންގެވުމާއި ހަވާލުވެ ހުންނެނި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ވިދާޅުވީ މި ތަމްރީނު ޕްރޮގްރާމުގެ އެންމެ ބޮޑު ކާމިޔާބީއަކަށް ވާނީ ބައިވެރިން އެނބުރި ރަށަށް ގޮސް މި ޕްރޮގްރާމުން ލިބިގަތް އިލްމާއި ހުނަރުގެ ބޭނުން ހިފައި، އެކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެ ތަޖުރިބާ ހިއްސާކޮށް، އޭގެ މަންފާ ރަށްރަށަށް ލިބިގެންދިއުން ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.