އިންތިހާބަށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ދަނީ ބިރު ދައްކަމުން: ފައްޔާޒް
އަވަސް
13 ފެބްރުއަރީ 2026 | ހުކުރު | 3:01
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ދިމާކޮށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބިރު ދައްކަމުންދާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ތުހުމަތު ކުރައްވައިފި އެވެ.
ފައްޔާޒު މިހެން ވިދާޅުވީ ސަރުކާރުގެ ކުންފުންޏެއްގެ މުވައްޒަފުންތަކެއް މިހާރު ވަޒީފާ އަދާކުރަމުންދާ ރަށް ނޫން އެހެން ރަށަކަށް މަގާމު ބަދަލުކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓްތަކެއް ދައުރުވަމުން ދަނިކޮށެވެ. ފައްޔާޒް ވިދާޅުވީ ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރުދައްކައި ޖެއްސުންކޮށް އެމީހުންގެ ވޯޓު ކަށަވަރުކުރުމަށް އެމީހުން ތިބި ރަށް ނޫން އެހެން ރަށްރަށަށް އެމީހުން ރީރަޖިސްޓަރީ ކުރުވަން ރައީސް މުއިއްޒު ފައްޓަވާފައިވާ ކަމަށެވެ. "ކައުންސިލް އިންތިހާބު ގެއްލިދާނެކަމުގެ ސިހުން ރ. މުއިއްޒަށް އޮތް މިންވަރު. މުވައްޒަފުންގެ ވޯޓުލުމުގެ ހައްގު ގެއްލުވާލަން ރ.މުއިއްޒު އެހިންގާ ނާތަހުޒީބު އަމަލު ހުއްޓާލުމަށް ގޮވާލަން،" ފައްޔާޒް ވިދާޅުވި އެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އެޕްރީލް ހަތަރު ވަނަ ދުވަހު އެވެ.