ވޯޓުން ދިވެހިން މި އަނިޔާވެރި ކަމަށް ނޫނެކޭ ބުނާނެ: ޝާހިދު
އަވަސް
13 ފެބްރުއަރީ 2026 | ހުކުރު | 9:21
ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުން ދިވެހި ރައްޔިތުން މި އަނިޔާވެރި ކަމަށް ނޫނެކޭ ބުނާނެ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ސަރުކާރު ކުންފުނިތަކުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންނަށް ބިރު ދައްކައި ވޯޓު ކަށަވަރު ކުރުމަށް ސަރުކާރުން ހިންގާ ނާތަހުޒީބު އަމަލު ކުށްވެރިކުރާ ކަމަށެވެ. "މުވައްޒަފުން ތިބި ރަށް ނޫން އެހެން ރަށްރަށަށް ރަޖީސްޓްރީ ކުރަމުންދާ ދިއުމަކީ ގާނޫނީ ކުށެއް،" ޝާހިދު ވިދާޅުވި އެވެ. މިނިވަންކަމާއެކު ވޯޓުލުމުގެ ހައްގުން މުވައްޒަފުން މަހުރޫމުކޮށް މި ސަރުކާރުން ހިންގާ ނުފޫޒަކީ ދަށުދަރަޖައިގެ އަމަލެއް ކަމަށާއި މިފަދަ އަމަލުތަކުން ދައްކުވައި ދެނީ މި ސަރުކާރުގެ ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން ކަމަށް ޝާހިދު ވިދާޅުވި އެވެ. ޝާހިދު ވިދާޅުވީ މި ސަރުކާރަށް އިންތިހާބު ކާމިޔާބު ނުކުރެވޭނެކަން ޔަގީންވުމުން، މުވައްޒަފުންނަށް ބިރު ދައްކާ އަނިޔާވެރިކަން އިސްކުރިޔަސް، ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުން ދިވެހި ރައްޔިތުން މި އަނިޔާވެރިކަމަށް ނޫނެކޭ ބުނާނެ ކަމަށެވެ. "އިރާދަ ކުރެއްވިއްޔާ މި ސަރުކާރު ބޮޑުތަނުން ބަލިކޮށް މި އަޅުވެތިކަމުން ދިވެހި ރައްޔިތުން މިންޖުވާނެ،" ޝާހިދު ވިދާޅުވި އެވެ.