އެމްޑީޕީއަށް ވޯޓު ދިނުމަކީ ކުރެވޭ ބޭކާރު ކަމެއް: ގާސިމު
އަވަސް
13 ފެބްރުއަރީ 2026 | ހުކުރު | 11:55
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަކީ ކުރެވޭ ބޭކާރު ކަމެއް ކަމަށާއި ރަށްތައް ތަރައްގީކުރުމަށް މަސައްކަތް ކުރެވޭނީ ޕީއެންސީގެ ކެންޑިޑޭޓުން އިންތިހާބުކޮށްގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖޭޕީގެ ކައުންސިލުން ވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި މާމިގިނލި ދާއިރާގެ ރަށްތަކުގައި ވާދަކުރާ ޖޭޕީގެ ކެންޑިޑޭޓުން ފިޔަވައި، އެހެން ހުރިހާ ދާއިރާއަކަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކުރުމަށްވެސް ނިންމާފަ އެވެ. ޖޭޕީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ލޯންޗުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ގާސިމު އިބްރާހީމު ވިދާޅުވީ ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ތާއީދުކުރަން ނިންމީ ގައުމުގެ ހަމަޖެހުން ގެއްލި ލޮޅުމެއް އަރާފަދަ ކަމެއް ކުރަން ބޭނުން ނުވާތީ ކަމަށެވެ. އެގޮތުން ގައުމުގެ ދަރަނިތައް ދެއްކޭނެ މަގުތައް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފަހިކޮށްދެވޭނީ ރައްޔިތުންގެ އެއްބާރުލުން އޮތްކަން ފުރިހަމައަށް އެމަނިކުފާނަށް ދައްކުވައިދީގެން ކަމަށްވެސް ވިދާޅުވި އެވެ. ގާސިމު ވިދާޅުވީ ގައުމަށްޓަކައި ޕީއެންސީއަށް ވޯޓު ދޭންޖެހޭ ކަމަށާއި އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓު ދިނުމަކީ ބޭކާރު ކަމެއް ކަމަށެވެ. "ކީއްކުރަންތޯ ބޭނުން ނެތް ކަމެއް ކުރަނީ؟ އެއަށްވުރެ މާރަނގަޅުވާނެ މަރުވެފައި އޮތް މަންމަގެ މާހަނަ މައްޗަށް ގޮސް މަޑިއަކަށް ޖެހުނިއްޔާ،" ގާސިމް ވިދާޅުވި އެވެ. ގާސިމް ވަނީ ޕީއެންސީގެ ކެންޑިޑޭޓުން ފިޔަވައި އެހެން ކެންޑިޑޭޓުންނަށް ވޯޓުދީގެން ކުރިއަށް އޮތް ތިން އަހަރު ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އެމްޑީޕީގެ ކެންޑިޑޭޓުންނަށް ރަށުގެ ތަރައްގީއަށް މަސައްކަތް ކުރެވޭނީ ދައުލަތުން ބަޖެޓު ދިނިއްޔާ ކަމަށްވެސް ވިދާޅުވި އެވެ. "ނުދިނަސް ހަމަ ކުރެވޭނެ އެއްކަމެއް ވެސް ނޯންނާނެ. އެހެންވީމަ ރަށުގެ ރައްޔިތުންނަށް، ސިޓީގެ ރައްޔިތުންނަށް ހެޔޮކަން ކޮށްދޭން ބޭނުމިއްޔާ ޕީއެންސީގެ މެމްބަރުން ހޮވީމާ ދެން ކަންތައް ވާނީ،" ގާސިމް ވިދާޅުވި އެވެ. ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވަނީ މިއަހަރުގެ އޭޕްރީލް 4 ވަނަ ދުވަހު އެވެ.