ވޯޓު ދޭންވީ ތަރައްގީގައި ރައްޔިތުންގެ ހިއްސާ އޮންނާނެ ގޮތަކަށް: ފައިސަލް
އަވަސް
14 ފެބްރުއަރީ 2026 | ހޮނިހިރު | 11:20
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ތަރައްގީގައި ރައްޔިތުންގެ ހިއްސާ އޮންނާނެ ގޮތަކަށް ވޯޓު ދިނުމަށް ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް ގޮވާލައްވައިފި އެވެ.
ފައިސަލް ނަސީމް ވިދާޅުވީ ގާނޫނުއަސާސީ އިސްލާހު ކުރުމުގެ މަސައްކަތަކީ ދިވެހީންގެ އެތައް ބަޔަކު ވީ ވަރަަށް ބޮޑު ގުރުބާނީއެއް ކަމަށާއި އެކަން ކާމިޔާބު ކުރެވުނީ ހަތަރު އަހަރު ވަންދެން މެދު ކެނޑުމެއް ނެތި އެކި ފަރާތްތަކުން ކުރި މިންނެތް މަސައްކަތުގެ ސަބަބުން ކަމަށެވެ. "އެ ގާނޫނުއަސާސީން އަޅުގަނޑުމެން ކަށަވަރު ކުރި، އަދި މިއަދު މި މުޖުތަމައުން މި ފެންނަ ހައްގުތަކާއި މިނިވަންކަން، ހާއްސަކޮށް ޒުވާނުން ވޯޓު ދިނުމުގެ ހައްގަކީ އެންމެ މުހިންމު އެއް ކަންތައް. މިއަދު އެ ހައްގުތަކާއި އަސާސްތަކަށް ބަދަލު ގެންނަމުން ދާއިރު، އަޅުގަނޑުމެން އެކަމާ މެދު ފުންކޮށް ވިސްނަން ޖެހޭ،" ފައިސަލް ނަސީމް ވިދާޅުވި އެވެ. ފައިސަލް ނަސީމް ވަނީ ފުރުސަތުގެ ބޭނުން ހިފާ ވިސްނުންތެރި ކަމާއެކު ކައުންސިލް އިންތިހާބުގައި ބައިވެރިވެ ރައްޔިތުންގެ ހައްގުތައް ކަށަވަރުވާނެ އަދި ރައްޔިތުންގެ ބަސް އިއްވުމާއި ތަރައްގީގައި ރައްޔިތުންގެ ހިއްސާ އޮންނާނެ ގޮތަކަށް ވޯޓު ދިނުމަށް ގޮވާލައްވާފަ އެވެ.