މަޓާޓޯގެ "އޭއައި ޕްރޮޑަކްޓިވިޓީ ވޯކްޝޮޕް" ނިންމާލައިފި

އަވަސް

15 ފެބްރުއަރީ 2026 | އާދިއްތަ | 8:51

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ބޭއްވި "އޭއައި ޕްރޮޑަކްޓިވިޓީ ވޯކްޝޮޕް" ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ރައްކާތެރިކަމާއި، ޒިންމާދާރުކަމާއެކު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފެއްދުންތެރިކަން އިތުރުކުރުމަށް ބޭއްވި ވޯކްޝޮޕެކެވެ. ފަތުރުވެރިކަމުގެ ވިޔަފާރިތަކުގައި އޭއައި ވަސީލަތްތައް ބޭނުންކުރާ މިންވަރު އިތުރުވަމުންދާތީ، މި ވޯކްޝޮޕްގައި ވަނީ ޑޭޓާގެ ރައްކާތެރިކަމާއި، އޭއައި ބޭނުންކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި، މަސައްކަތުގެ މާހައުލުގައި މިފަދަ ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދީފަ އެވެ. އޭއައި އަކީ މިހާރު ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި ބޭނުންކުރާ ވަސީލަތެއްކަން ފާހަގަކޮށް މަޓާޓޯ އިން ބުނީ މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ފަތުރުވެރިންނާއި ވިޔަފާރިތަކުގެ މައުލޫމާތުގެ ސިއްރު ހިފަހައްޓަމުން، އޭއައި މެދުވެރިކޮށް މަސައްކަތުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ އަމަލީ ހުނަރުތައް ދާއިރާގެ މުވައްޒަފުންނަށް ދަސްކޮށްދިނުން ކަމަށެވެ. މި ވޯކްޝޮޕްގެ ތެރެއިން، ފަތުރުވެރިކަމުގެ ދާއިރާގެ އެކި ދާއިރާތަކުން މުއާމަލާތްކުރުމާއި، އިދާރީ ހިންގުމުގެ އިތުރުން ނިންމުންތައް ނިންމުމުގައި އޭއައިގެ އެހީތެރިކަން ހޯދޭނެ ގޮތްތަކާ ގުޅޭގޮތުން ބައިވެރިންނަށް އަމަލީ ތަޖުރިބާ ފޯރުކޮށްދީފައިވެ އެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އޭއައިއަށް އަހުލުވެރިވެފައިވާ މިންވަރު ތަފާތުވިޔަސް، މެނޭޖަރުންނާއި، ސުޕަވައިޒަރުންނާއި، އެޑްމިނިސްޓްރޭޓިވް ޓީމުތަކުގެ އިތުރުން އޮޕަރޭޝަނަލް މުވައްޒަފުންނަށްވެސް އޭގެ ބޭނުން އެންމެ ފުރިހަމައަށް ހިފޭނެ ގޮތަކަށެވެ. މިފަދަ ހަރަކާތްތައް މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ފަންނީ ފެންވަރު މަތިކުރުމަށާއި، އަލަށް ތައާރަފުވާ ޓެކްނޮލޮޖީތަކަށް ދާއިރާގެ ބައިވެރިން އަހުލުވެރިކުރުވައި އިތުބާރާއެކު ކުރިއަށް ދިއުމަށް އެހީތެރިވެދިނުމަކީ އަމާޒު ކަމަށް މަޓާޓޯ އިން ވަނީ ބުނެފަ އެވެ.

މައުޟޫޢުތަށް