3،600 އަށްވުރެ ގިނަ ފްލެޓު ހަވާލުކޮށްފި

އަވަސް

15 ފެބްރުއަރީ 2026 | އާދިއްތަ | 10:02

ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން 3،600 އަށްވުރެ ގިނަ ފްލެޓު ވެރިފަރާތާ ހަވާލުކޮށްފި އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނީ 4،000 ފްލެޓްގެ ތެރެއިން މިހާތަނަށް 3،850 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށާއި މީގެ ތެރެއިން 3،647 ފަރާތަކަށް ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ގެދޮރުވެރިޔާ ސިޔާސަތުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހަވާލުކޮށްގެން ހުޅުމާލޭގައި ހަދަމުންދާ 4،000 އެޕާޓްމަންޓްގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ގޮތުގައި 650 އަކަފޫޓުގެ 1،200 އެޕާޓްމަންޓާއި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ގޮތުގައި 900 އަކަފޫޓްގެ 2،800 އެޕާޓްމަންޓެވެ. އެފްޑީސީ އިން މި މަސައްކަތް ކުރިއަށް ގެންދަނީ ދެ މަޝްރޫއެއްގެ ގޮތުގައި އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ ދަށުން އިންޑިއާގެ ދެ ކުންފުނި ކަމަށްވާ ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޯޕަރޭޝަން (އެންބީސީސީ) އިން 2،000 ފްލެޓް އަދި ކަލްޕަތާރޫ ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް) އިން 2،000 ފްލެޓް ހަދާނެ އެވެ. ކޭޕީއައިއެލްގެ ފްލެޓްތަކަށް ކިޔަނީ "އަމާން އުދަރެސް" އެވެ. އެންބީސީސީގެ ފްލެޓްތަކަށް ކިޔަނީ "އަމާން ދޯދި" އެވެ. ކޮންމެ މަޝްރޫއެއްގައި 16 ޓަވަރު -- ޖުމްލަ 32 ޓަވަރު އިމާރާތްކުރާނެ އެވެ. އަދި ދެ ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތަކާއި، ތިން ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތައް މިމަޝްރޫއުގައި ހިމެނެ އެވެ. މިއިން ކޮންމެ މަޝްރޫއުއެއްގައި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1400 ޔުނިޓް އަދި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 600 ޔުނިޓް ހިމެނެ އެވެ.

މައުޟޫޢުތަށް