ޖެނުއަރީ މަހު މީރާއިން 4.4 ބިލިއަން ރުފިޔާ ބަލައިގަނެފި

އަވަސް

15 ފެބްރުއަރީ 2026 | އާދިއްތަ | 5:34

މިދިޔަ ޖެނުއަރީ މަހު މީރާއިން 4.4 ބިލިއަން ރުފިޔާ ބަލައިގަނެފި އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 33.1 ޕަސެންޓް އިތުރު އަދަދެއް ނަމަވެސް ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ 4.6 ޕަސެންޓް ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ޖެނުއަރީއަށްވުރެ މި އަހަރުގެ ޖެނުއަރީ މަހު އާމްދަނީ އިތުރުވި މައިގަނޑު ސަބަބެއްގެ ގޮތުގައި މީރާއިން ފާހަގަކުރީ ބޭންކް އިންކަމް ޓެކްސް އަދި ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ އިން ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. މީގެ އިތުރުން ޓޫރިޒަމް ދާއިރާގެ ޖީއެސްޓީއިން ލިބިފައިވާ އާމްދަނީ އިތުރުވުމަކީވެސް މި މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބެކެވެ. އަންދާޒާކުރި ވަރަށްވުރެ އާމްދަނީ ދަށްވި މައިގަނޑު އެއް ސަބަބަކީ ވިޔަފާރި އާމްދަނީން ނަގާ ޓެކުހުގެ މިންވަރު ދަށްވުމެވެ. މީގެ އިތުރުން ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އިން ލިބިފައިވާ އާމްދަނީ އާއި ޑިޕާޗާ ޓެކުހުން ނަގާ އާމްދަނީ ދަށްވުމަކީވެސް މި މުއްދަތުގައި ލިބުނު އާމްދަނީ ދަށްވުމުމުގެ ސަބަބެއް ކަމަށް މީރާ އިން ބުނެފައިވެ އެވެ. މީރާ އިން ބުނީ ނުލިބިހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން 531 މިލިއަން ރުފިޔާ މިދިޔަ މަހު ހޯދާފައިވާ ކަމަށެވެ. އެ ގޮތުން ނޯޓިސް ފޮނުވައިގެން 305.84 މިލިއަން ރުފިޔާ، އަދި ޑިއުސް ކްލިއަރެންސްގެ ތެރެއިން 51.08 މިލިއަން ރުފިޔާ ހޯދައިފައިވާ ކަމަށް މީރާ އިން ބުންޏެވެ. މީގެ އިތުރުން ޓެކްސް ދައްކާ ފަރާތްތަކުގެ ބޭންކް އެކައުންޓްސް ހިފަހައްޓައިގެން 7.92 މިލިއަން ރުފިޔާ، ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 95.94 މިލިއަން ރުފިޔާ އަދި އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 70.91 މިލިއަން ރުފިޔާ ވަނީ ހޯދައިފަ އެވެ. މީރާއަށް މިދިޔަ މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. ޖީއެސްޓީގެ ގޮތުގައި 1.79 ބިލިއަން ރުފިޔާ ލިބުނުއިރު އެއީ ޖުމްލަ އާމްދަނީގެ 40.4 ޕަސެންޓެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އާމްދަނީ އިން ނަގާ ޓެކުހުންނެވެ. އެއީ 1.54 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި 271.44 މިލިއަން ރުފިޔާ، ގްރީން ޓެކުހުގެ ގޮތުގައި 221.80 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 188.85 މިލިއަން ރުފިޔާ އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 180.79 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ޖެނުއަރީ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 180.42 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.

މައުޟޫޢުތަށް