މީރާއަށް ނުލިބި ހުރި ފައިސާގެ ތެރެއިން 531 މިލިއަން ހޯދައިފި
އަވަސް
16 ފެބްރުއަރީ 2026 | ހޯމަ | 6:50
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ނުލިބި ހުރި ފައިސާގެ ތެރެއިން 531 މިލިއަން ރުފިޔާ ހޯދައިފި އެވެ.
މީރާ އިން ބުނީ އެ އޮތޯރިޓީއަށް ނުލިބިހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން 531 މިލިއަން ރުފިޔާ މިދިޔަ މަހު ހޯދާފައިވާ ކަމަށެވެ. އެ ގޮތުން ނޯޓިސް ފޮނުވައިގެން 305.84 މިލިއަން ރުފިޔާ، އަދި ޑިއުސް ކްލިއަރެންސްގެ ތެރެއިން 51.08 މިލިއަން ރުފިޔާ ހޯދައިފައިވާ ކަމަށް މީރާ އިން ބުންޏެވެ. މީގެ އިތުރުން ޓެކްސް ދައްކާ ފަރާތްތަކުގެ ބޭންކް އެކައުންޓްސް ހިފަހައްޓައިގެން 7.92 މިލިއަން ރުފިޔާ، ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 95.94 މިލިއަން ރުފިޔާ އަދި އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 70.91 މިލިއަން ރުފިޔާ ވަނީ ހޯދައިފަ އެވެ. މީރާއަށް މިދިޔަ ޖެނުއަރީ މަހު އާމްދަނީގެ ގޮތުގައި 4.4 ބިލިއަން ރުފިޔާ ވަނީ ބަލައިގަނެފަ އެވެ.