މިވެރިކަމުގައި 38 ބިލިއަން ރުފިޔާގެ ދަރަނި އުފައްދައިފި: ރައީސް ސޯލިހް
އަވަސް
16 ފެބްރުއަރީ 2026 | ހޯމަ | 9:53
ސަރުކާރުން ބޭނުންވާ ގޮތަށް ކޮންމެ ކަމެއް ކުރަން ރައްޔިތުން ދޫކޮށްލައިގެން ތިބެއްޖެނަމަ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ނިމޭއިރު ދައުލަތުގެ ދަރަނި 200 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭންގައި ޅ. ނައިފަރަށް ވަޑައިގެން ރޭ އެ ރަށުގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ލޯން ނަގާފައި ހުންނާނީ ކޮންމެހެން އެކަން ކުރަންޖެހިގެން ކަމަށެވެ. އެގޮތުން ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން ދޮޅުއަހަރު ފަހުން ކޮވިޑް 19ގެ ބަލިމަޑުކަމާ ކުރިމަތިލިއިރު ދައުލަތުގެ ރިޒާވްގައި އޭރު ހުރީ ދޮޅުމަސް ދުވަހު ރާއްޖެއަށް އިމްޕޯޓު ކުރެވޭ ވަރުގެ ފައިސާ ކަމަށެވެ. އެހެންކަމުން އޭރު ލޯނު ނެގީ މަޖުބޫރީ ހާލަތެއްގައި އެކަން ކުރަންޖެހިގެން ކަމުގައި ވިދާޅުވި އެވެ. އެމަނިކުފާނުގެ ވެރިކަމުގައި ލޯނު ނެގިއިރު ބަޔަކު ލޯނު ދޫކުރީ ސަރުކާރަށް ލޯނު ދެއްކޭނެކަން އެނގޭތީ ކަމަށާއި އެފަދަ ސިޔާސަތެއް ސަރުކާރުގައި އޭރު އޮތުމުން ކަމަށްވެސް ރައީސް ސޯލިހް ވިދާޅުވި އެވެ. "އެ ލޯނު ނުދެއްކިގެން އުޅޭކަށް ނުޖެހޭނެ. ރާއްޖޭގެ އިގްތިސާދުގައި [އޭރު] އެ ހަކަތަ ހުންނާނެ. އެހެންނަމަވެސް އެ މެނޭޖުކުރަން ނޭނގޭ ބަޔަކު އުޅޭގޮތް [މިއަދު] މިފެނިގެން ދަނީ،" ރައީސް ސޯލިހް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިއަދުގެ ސަރުކާރުން ލޯނު ނަގަމުން ނަގަމުން ގޮސް ދައުލަތުގެ ދަރަނި 160 ބިލިއަން ރުފިޔާއަށް އަރުވާލާފައިވާ ކަމަށެވެ. އެގޮތަށް ލޯނު ނަގަން ރައްޔިތުން ދޫކޮށްލައިގެން ތިބެއްޖެނަމަ މިވެރިކަން ނިމޭއިރު ދައުލަތުގެ ދަރަނި 200 ބިލިއަން ރުފިޔާއަށް ވުރެ މަތިވާނެ ކަމަށް ވިދާޅުވި އެވެ. އަދި އެއީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއްގައި ވިދާޅުވި އެވެ. ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ގިނަ ދުވަސްތައް ފާއިތުވެ ދިޔައީ ކޮވިޑް 19އާއި ގުޅިގެން މުޅި ދުނިޔޭގެ އިގުތިސާދު ބަންދުވެ ފައިސާ ލިބުން ވަރަށް ބޮޑަށް ދަތިވެފައި ވަނިކޮށެވެ. އެކަމަކު މިސަރުކާރު ހިންގަމުން މިދަނީ މުޅި ދުނިޔޭގެ އިގްތިސާދުވެސް ބަރާބަރަށް ހިނގަމުންދާ ދުވަސްވަރެއްގައި ނަމަވެސް މިވެރިކަމުގައި އެކަނިވެސް 38 ބިލިއަން ރުފިޔާއިން ދައުލަތް ދަރުވާލާފައިވާ ކަމަށް ވިދާޅުވި އެވެ. ކަންކަން ކުރަން ނޭނގޭ ސަރުކާރަކަށް ކައުންސިލް އިންތިހާބުގައި މެޖޯރިޓީ ދީފިނަމަ އެފަދަ ކައުންސިލްތައް ހިންގާނެ ގޮތް ވިސްނިވަޑައިނުގަންނަވާ ކަމަށްވެސް ރައީސް ސޯލިހް ވިދާޅުވެފައިވެ އެވެ.