މާރާމާރީގެ މައްސަލައެއްގައި ބިދޭސީ އަންހެނަކު 15 ދުވަހަށް ބަންދުކޮށްފި
އަވަސް
16 ފެބްރުއަރީ 2026 | ހޯމަ | 11:10
މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުުކުރި ބިދޭސީ އަންހެނަކު 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓު އަމުރުކޮށްފި އެވެ.
މި މައްސަލައިގައި ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކުރީ ބަންގްލަދޭޝްގެ ރަސެލް މިއަހް (33އ) އެވެ. ބަންދު އަމުރުގައި ބުނީ ކުށުގެ ތުހުމަތުކުރެވޭ މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ. އެ ގޮތުން މަންޒަރު ދުށް މީހުންގެ ބަޔާނާއި ސީސީޓީވީ ފުޓޭޖުގެ ސްކްރީން ޝޮޓާއި ހުށަހަޅާފައިވާ ފަރާތުގެ ބަޔާނާއި ހާދިސާގެ ރިޕޯޓް ހުށަހަޅާފައިވެ އެވެ. ކޯޓުގައި ރަސެލް ވަނީ ކުށް ކުރެވުނު ކަމަށާއި ދެން އެފަދަ ކަމެއް ތަކުރާރު ނުކުރާނެ ކަމަށް ބުނެފަ އެވެ. އަދި ގައުމަށް ދެވޭނެ ގޮތް ހެދުމަށް ބަންދުން ދޫކޮށްދިނުމަށް އެދިފައިވެ އެވެ. ކޯޓުގައި އައިއޯ ވަނީ މީގެ ކުރިންވެސް ރަސެލްގެ ފަރާތުން މި މައްސަލާގައި އަނިޔާ ލިބުނު މީހާއާއި މާރާމާރީ ހިންގި މައްސަލައެއް ފުލުހުންނަށް ހުށަހެޅުނު ކަމަށް ބުނެފަ އެވެ. އެ މައްސަލާގައި ދެ މީހުން ސުލްހަވުމަށް ބޭނުންވެގެން އެގޮތަށް ކުރިއަށް ގެންދެވުނު ކަމަށާއި އެހެންކަމުން ރަސެލް ބަންދުން ދޫކޮށްލައިފިނަމަ އެފަދަ ކަމެއް ތަކުރާރު ކުރުމުގެ ފުރުސަތު އޮތް ކަމަށް ދެކޭ ކަމަށް އައިއޯ ފާހަގަކޮށްފައިވެ އެވެ. މީގެ އިތުރުން ރަސެލްއަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް މިހާރު އުޅެމުންދާ މީހެއް ކަމަށް އައިއޯ ވަނީ ބުނެފަ އެވެ.