ފެނަކަ ސައީދު ވަގުތީގޮތުން ގޭބަންދަށް ބަދަލުކޮށްފި

އަވަސް

16 ފެބްރުއަރީ 2026 | ހޯމަ | 4:28

ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ގެންދިޔަ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު ވަގުތީގޮތުން ގޭބަންދަށް ބަދަލުކޮށްފި އެވެ.

ސައީދު އިއްޔެގެ ވަގުތެއްގައި ގޭބަންދަށް ބަދަލުކުރީ އޭނާގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ކަމަށް އެނގިފައިވެ އެވެ. ސައީދަކީ ހުކުމް ކުރި އިރުވެސް ދާއިމީކޮށް ބޭސް ބޭނުންކުރައްވަމުން ގެންދެވި ބޭފުޅެއް ކަމަށް މައުލުމާތު ލިބިފައިވެ އެވެ. ސައީދުގެ މައްޗަށް ދައުލަތުން ކުރި ދައުވާ އަކީ 2018 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބްލޭޒަންގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ބްލޭޒަން ދޫކޮށްފައިވާތީ އެވެ. ދައުލަތުން ދެކޭ ގޮތުގައި އެއީ ބްލޭޒަންއަށް ނާޖާއިޒު މަންފާ ހޯދައިދިނުމަށް ކޮށްފައިވާ އަމަލެކެވެ. މިމައްސަލައިގައި ސައީދު މައްޗަށް ކުރީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. ދައުލަތުން ކުރި ދައުވާ ސައީދުގެ މައްޗަށް ސާބިތުވުމާ އެކު މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުހައްމަދު ހުކުމް އިއްވަމުން ވިދާޅުވީ އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުން ކަމަށެވެ. އަދަބު މަތިވާ ހާލަތެއް ނެތް ކަމަށް ދައުލަތުން ބުންޏަސް ގާޒީއަށް ލިބޭ އިހުތިޔާރުގެ ދަށުން އަދަބުގެ ދަރަޖަ މަތިކުރެވޭ ކަމަށް ގާޒީ ވިދާޅުވި އެވެ. އެހެންވެ ކަމާ ގުޅޭ މާއްދާއަށް ރިއާޔަތްކޮށް، ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ކަމުގައިވާ ހަތަރު އަހަރުގެ ޖަލު އަދަބު ކަނޑައަޅަންޖެހޭ ކަމަށްވެސް ކްރިމިނަލް ކޯޓުގެ އިސް ގާޒީ ވިދާޅުވި އެވެ. އެހެންވެ މިދިޔަ ސެޕްޓެމްބަރު 28 ވަނަ ދުވަހު ގާޒީ ހުކުމް ކުރެއްވީ ސައީދު ހަތަރު އަހަރު ދުވަހަށް ޖަލަށް ލުމަށެވެ. ސައީދު ވަނީ އޭނާގެ މައްޗަށް އިއްވި ހަތަރު އަހަރު ދުވަހުގެ ޖަލު ހުކުމް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އަދި ހައިކޯޓުން ވަނީ އެ މައްސަލަ ބަލައިގެންފަ އެވެ.

މައުޟޫޢުތަށް