އޭޕްރީލް 4ގައި ފެންނަ ނުފެންނަ ވޯޓު ނަގަން ރައީސްގެ ގަރާރަކުން ނިންމަވައިފި
އަވަސް
16 ފެބްރުއަރީ 2026 | ހޯމަ | 8:11
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރެއްވުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން ނިންމަވައިފި އެވެ.
ދެ އިންތިހާބު އެއްކޮށްލުމުގެ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ. މި ބިލުގައި ހިމެނޭ އިސްލާހުތަކަކީ، ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގުކުރެއްވުމުގެ ކުރިން، ޤާނޫނުއަސާސީއަށް އެ އިސްލާހުތައް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށް ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގެ ދަށުން އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމުކޮށްފައިވާ އިސްލާހުތަކެކެވެ. ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުން، އެ ބިލުގައި ހިމެނޭ އިސްލާހުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކުރާ ހާލަތުގައި، ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގުކުރާންވާނީ އެ އިޞްލާޙެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއްގައި، އެ އިސްލާހެއް ގެނައުމަށް، ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ލިބިއްޖެނަމަ އެވެ. ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ 31 ވަނަ މާއްދާގައި، ރައްޔިތުން ރުހޭތޯ ބެލުމަށް ޓަކައި ނަގާ ވޯޓެއްގައި، އެ އިސްލާހު ގެނައުމަށް ވޯޓު ދިން މީހުންގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ، ވޯޓުގެ ރަސްމީ ނަތީޖާ އިއުލާންކުރާތާ 15 ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަސްދީފުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމަށާއި، އެ އިޞްލާޙެއް ގެނައުމަށް އެ ވޯޓުގައި ވޯޓު ދިން މީހުންގެ އަޣުލަބިއްޔަތު ނުލިބިއްޖެނަމަ އެ ބިލެއް ބާޠިލުވާނެކަމަށް ވަނީ ބަޔާންކޮށްފަ އެވެ. ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު ވެސް ރައީސްގެ ގަރާރުގައި ވަނީ ހިމަނުއްވައިފަ އެވެ. އެ ސުވާލަކީ: "ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ "ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމަށް ފެނޭ ހެއްޔެވެ؟" ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ކަނޑައަޅައިފައިވާ ތާރީގަކީ ކުރިޔަށް އޮތް "ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026" ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނު ކޮށްފައިވާ އެޕްރީލް 4 ވާ ހޮނިހިރު ދުވަހެވެ. ރައީސްގެ ގަރާރު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމާއެކު، ޤާނޫނުގައިވާ ގޮތުގެ މަތީން ވޯޓު ނެގުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށްޓަކައި ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.