20 ރުފިޔާއާއި 100 ރުފިޔާގެ އާ ނޫޓު ބޭނުންކުރަން ފަށައިފި
އަވަސް
17 ފެބްރުއަރީ 2026 | އަންގާރަ | 12:55
އަލަށް ޗާޕުކޮށްގެން ގެނައި 20 ރުފިޔާ އަދި 100 ރުފިޔާގެ އާ ނޫޓު ދައުރުކުރަން ފަށައިފި އެވެ.
އިގުތިސާދުގައި ނަގުދު ފައިސާއަށް އަލަށް އުފެދޭ ޑިމާންޑަށާއި މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ލިބޭ ނޫޓުގެ ތެރެއިން ބައުވެ ހަލާކުވެގެން ނަގާ ނޫޓުތަކުގެ ބަދަލުގައި ބޭނުންކުރުމަށް ނަގުދު ފައިސާގެ ގޮތުގައި އަލަށް ޗާޕުކޮށްގެން މިމަހުގެ ދެ ވަނަ ދުވަހު 100 ރުފިޔާގެ ނޫޓު އަދި މިމަހުގެ 15 ވަނަ ދުވަހު 20 ރުފިޔާގެ ނޫޓު ވަނީ ގެނެސްފަ އެވެ. އެމްއެމްއޭ އިން ބުނި ގޮތުގައި ދައުރުވާ ފައިސާގެ ތެރެއަށް މިއަދު ނެރޭ 20 ރުފިޔާ އަދި 100 ރުފިޔާގެ ނޫޓުގައި ސޮއިކުރައްވާފައިވާނީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރެވެ. މި ދެ ނޫޓުގައިވާ ތާރީޚަކީ 31 ޖުލައި 2025 - 6 ޞަފަރު 1447 އެވެ.
މީގެ ތެރެއިން 20 ރުފިޔާގެ އައު ޗާޕުގެ ދެފުށުގައި ދިވެހި ރުފިޔާގެ ނިޝާން އަލަށް ވަނީ ހިމަނާފަ އެވެ. މިގޮތުން ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނީ ނޫޓުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގައިވާ މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ މޫނުމަތީ އަގާއެކުއެވެ. އަދި 7 ޖުލައި 2024 ގެ ތާރީޚުގައި އެންމެ ފަހުން ނެރެފައިވާ 100 ރުފިޔާގެ ނޫޓާއި އެއްގޮތަށް 100 ރުފިޔާގެ މި އައު ޗާޕުގައިވެސް ދިވެހި ރުފިޔާގެ ނިޝާން ވަނީ ހިމަނާފަ އެވެ. އެމްއެމްއޭ އިން ބުނީ ނަގުދު ފައިސާގެ ގޮތުގައި އަލަށް ޗާޕުކޮށްގެން މިނެރޭ 20 ރުފިޔާ އާއި 100 ރުފިޔާގެ ނޫޓާއި އެކު މިހާރު ދައުރުވަމުންދާ 20 ރުފިޔާ އާއި 100 ރުފިޔާގެ ނޫޓުވެސް ދައުރުވަމުން ދާނެ ކަމަށެވެ.