ރޯދަ މަހު ޓޫރިސްޓުންނަށް ހިދުމަތް ދިނުމުގައި ފަރުވާތެރިވުމަށް އެދިއްޖެ
އަވަސް
17 ފެބްރުއަރީ 2026 | އަންގާރަ | 2:00
ރޯދަ މަހު ޓޫރިސްޓުންނަށް ޚިދުމަތްދޭއިރު އިސްލާމީ ވަހުދަތު ދެމެހެއްޓޭނެހެން ކަންކަން އިންތިޒާމުކުރަން ލޯކަލް ގަވަރުމަންޓް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
ލޯކަލް ގަވަރުމަންޓް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށްވާތީ ރަމަޟާން މަހު، ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް ކެއިންބުއިމުގެ ޚިދުމަތް ދިނުމުގައި، ރާއްޖޭގައި އޮންނަ އިސްލާމީ ރިވެތި އާދަކާދަތަކާއި ދީނީ އެއްބައިވަންތަކަމާއި އަދި އިސްލާމްދީނަށް ދިވެހިން ކުރާ އިހްތިރާމާއި، ގަދަރާއި އިސްލާމީ ވަހުދަތު ދެމެހެއްޓުމަށް ބާރު ލިބޭނެ ގޮތަށް ކަންކަން އިންތިޒާމުކުރުމަށް ސަމާލުކަން ދިނުން އެދޭ ކަމަށެވެ. އެގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިސްޓުންނަށް ކެއިންބުއިމުގެ ހިދުމަތްދޭއިރު އާންމުންނަށް ނުފެންނާނެ ފަދަ ގޮތަކަށް އެ ޚިދުމަތް ދިނުމަށާއި މަގުތަކާއި، އާންމު ތަންތަނުގައި، ރަމަޟާން މަހުގެ ހުރުމަތް ނުކެނޑޭ ގޮތަށް ޓޫރިސްޓުންގެ އަމަލުތައް ބެހެއްޓުމަށް ބާރު އަޅައިދީ ރަށްރަށުގައި ޓޫރިސްޓުންގެ އަމަލުތައް ބަހައްޓަންޖެހޭނެ ގޮތުގެ މައުލޫމާތު އެ މީހުންނާ ހިއްސާކޮށް ދިނުމަށްވެސް މިނިސްޓްރީން އެދިފައިވެ އެވެ. "ވީމާ ބަރަކާތްތެރި ރަމަޟާން މަހު ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިންނަށް ހިދުމަތް ދެއްވާ އެންމެހާ ފަރާތްތަކުން އިސްވެ ދެންނެވިފައިވާ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށާއި، ކައުންސިލްތަކުން އެ ކަންކަމަށް ފާރަވެރިވުމަށް އިލްތިމާސް ކުރަން،" ބަޔާނުގައި ބުންޏެވެ. ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަކީ ގެސްޓްހައުސްތައް ހިންގާ ރަށްތަކަކަށްވާތީ ރަށްރަށަށް ޓޫރިސްޓުން ޒިޔާރަތްކުރުންވެސް މިހާރު ވަނީ އިތުރުވެފަ އެވެ. އެކަމަކު ބައެއް ރަށްރަށުގައި ފަތުރުވެރިން އާންމު އިޖުތިމާއީ މިންގަނޑާއި އިސްލާމީ އުސޫލުތަކާ ޚިލާފަށް އުޅޭ މައްސަލަ ބޮޑެވެ. އަދި އެއީ އާންމުންގެ ކަންބޮޑުވުން އަބަދުވެސް އޮންނަ މައްސަލަ އެކެވެ.